އެމްޑަބްލިޔުއެސްސީ އިން ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ނަލަ ވެށި" ކެމްޕޭންގެ ދަށުން ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ "ނަލަ ވެށި" ކެމްޕޭންގެ ދަށުން އެކުންފުނީގެ އޮޕަރޭޝަން ސެންޓަރުތައް ފެހި ކުރުމުގެ ގޮތުން މިއަދު ހުޅުމާލޭގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވަނީ ފަށާފަ އެވެ. މިހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އާބަންކޯގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ޝާތިރް އަބްދުލް ރަހްމާން އެވެ.

މީގެ އިތުރުން އެމްޑަބްލިޔުއެސްސީން ވަނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށް ހދ.ކުޅުދުއްފުށީގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނަލަ ކުޅުދުއްފުށި" ގެ ނަމުގައި ތިމާވެށްޓާއި މެދުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ. މިގޮތުން، ކުޅުދުފުށީ ސިޓީ ކައުންސިލް އާއު ގުޅިގެން ރަށުގެ ގޮނޑުދޮށާއި ކުނި ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތައް ވަނީ ސާފުކޮށްފަ އެވެ. މިހަރަކާތުގައި ކުޅުދުއްފުށީގެ 20 އަކަށް ވުރެ ގިނަ އިދާރާ އަދި ޖަމިއްޔާ ޖަމާޢަތްކުން ބައިވެރިވެ، އަދި އާންމުގެ ބޮޑު ތަރުހީބެއް މިހަރަކާތްތަކަށް ލިބިފައިވާ ކަމަށް އެމްއެމްޑަބްލިޔުއެސްސީން ބުނެ އެވެ.

ކުޅުދުއްފުށީގެ ސުކޫލްތަކުގައި ކިޔަވަމުންދާ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ފެން އިސްރާފުނުކުރުމާއި އަދި ސާފު ބޯފެނާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ސެޝަންތަކެއް ހިންގާ، އަދި "ފެން ފިޔެސްޓާރ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފަ އެވެ.

"ނަލަ ވެށި" ކެމްޕޭންގެ މަގްސަދަކީ ރައްކާތެރި ކަމާއި އަދި ދެމެހެއްޓެނަވި ގޮތެއްގައި ކުނި އުކާލުމަށް ހިއްވަރުދީ ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމެވެ. އެމްޑަބްލިޔުއެސްސީ އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މިކުންފުނީގެ އޮޕަރޭޝަން ތަކުގައި ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތްތައް ހިޔާރުކޮށް އީޖާދީ ކުންފުންޏަކަށް ވުމެވެ.