ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކޮށްފައިވާ މީހުންގެ ލިސްޓް ލީކްވެފައިވަނީ ކޮމިޝަންގެ އިހްމާލަކުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޑިމޮކްރެޓްސްގެ ލިސްޓު އާއްމުވި މައްސަލަ ބެލުމަށްފަހު ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަ ޑިމޮކްރެޓްސް އިން ތުހުމަތުކުރާ ފަދަ އެއްވެސް ކަމަކީ އެ ކޮމިޝަންގެ ތެރޭގައި ހިނގާފައި ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮމިޝަންގެ އެއްވެސް މެންބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

"ރިޔާސީ އިންތިހާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ކޮމިޝަނާ މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސް ކުރަމެވެ،" އީސީގެ ބަޔާނުގައިވެ އެވެ.

ނަމަވެސް ދަ ޑިމޮކްރެޓްސްއިން ލިސްޓް ލީކުވީ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ކަމަށް ތުހުމަތު ކުރެ އެވެ. އަދި އެ މައްސަލަ ޕޮލިހަށްވެސް ހުށައަލާފައިވެ އެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅީ 3،500 މީހުންގެ ސޮޔާ އެކު އެވެ. އެކަމަކު އެ ޕާޓީ އަދި ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.