ކުރިޔަށް އޮތްތަނުގައިވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ގާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައްކަމުގައި ނައިބު ރައީސް ފައިސަލު ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ މިިދިޔަ ރޯދަމަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު އޮތީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ޝާމިލުވެވަޑައިގެންނެވި ޢިލްމުވެރިންނާ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ހާއްސަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްސަ ސަމާލުކަމެއް ދޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން އާ ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމައަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެހެންމެ، ގުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށް އޮތްތަނުގައި ވެސް މެދުކެނޑުމެއް ނެތި ކުރިޔަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފައިސަލް ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، އިލްމީ އަދި ތަހުޒީބުބަޔަކަށް ހެދުމަށާއި މުޅި މުޖުތަމައުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.

1444 ވަނަ އަހަރުގެ ރަމަޟާން މަހު، މީގެ ކުރީގެ އަހަރުތަކުގައި ކުރިޔަށް ނުގެންދާހާ ގިނަ އަދަދަކަށް ދީނީ ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި މާލޭސިޓީގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔަ އިޙްޔާ ޖަލްސާތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ފޯރަމްތަކާއި ސްކޫލް ކުދިންނާއި އާންމުންނަށް ކުރިޔަށްގެންދިޔަ ސެޝަންތަކާއި ފޯރަމްތައް ހިމެނެ އެވެ.