އިނގިރޭސިވިލާތުން ރާއްޖެއާއެކު މިނިވަން ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމުން އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި އެވެ.

މި މަސައްކަތް ފެށުމަށްޓަކައި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމުޢިއްޔާތަކަށް ހުރި އުނދަގޫތަކާއި ގޮންޖެހުންތައް ދެނެގަތުމަށާއި، ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަތުމަށްޓަކައި ޚިޔާލު ހުށަހެޅުމަށް މިއަދު ހެނދުނު އިނގިރޭސިވިލާތުގެ ސަރުކާރުން އާންމުކޮށް އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ރާއްޖެ އިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި، ވޭތުވެދިޔަ ހަތަރު އަހަރު، މެދުކެނޑުމެއްނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް އިގްތިސާދީ ގުޅުންތައް ބަދަހިވެ، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިގްތިސޯދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ގައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށް ވުރެ އިތުރުވެގެންދާނެ އެވެ.

މި ވަގުތު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ސޮއި ކޮށްފައި ނުވާ އަދި ޕްރިފަރެންޝަލް މާކެޓް އެކްސެސް ނުލިބޭ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނެ އެވެ. ނަމަވެސް މި ސަރުކާރުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ އުފެއްދުންތެރިކަން އިތުރުކޮށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ބޭރުކުރެވޭނެ މަގު ފަހިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވެ އެވެ. މިގޮތުން ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 އިންސައްތަ ޓެކްސް ކަނޑާލުމަށްޓަކައި ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ.

އެގޮތުން ކުރި މަޝްވަރާ ތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއިން އިގިރޭސިވިލާތަށް އެކްސްޕޯޓް ކުރާ މަހުގެ ޓެކްސްގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސި ވިލާތާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ އަމިއްލަ ފުދުންތެރިކަން އިތުރުވެ ދެ ޤައުމުގެ ދެމެދު ކުރާ ވިޔަފާރި ކުރިއަށް ވުރެ އިތުރުވެގެންދާނެ އެވެ.