މަޝްހޫރު ހިންދީ ޑްރާމާއެއް ކަަމަށްވާ "އަނޫޕަމާ"ގެ އެޕިސޯޑަކުން ބޮލީވުޑްގެ ކާމިޔާބު ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ފެނިލުމެއް ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

އިންޑިއާގެ ނަމްބަރު އެކެއް ޓީވީ ޑްރާމާގެ ގޮތުގައި އޮތް އަނޫޕަމާގައި ކުމާރު ސާނޫގެ ފެނިލުމަށް އޭނާ މިހާރު ޝޫޓް ވެސް ކޮށްފައިވާ ކަމަށް އެ ރިޕޯޓުތައް ހާމަކުރެ އެވެ.

އެގޮތުން އަނޫޕަމާގެ ސެޓުގައި ކުމާރު ސާނޫ ނަގާފައިވާ ފޮޓޯތައް އިންޓަނެޓުގައި މިހާރު ދައުރު ވަމުން އަންނައިރު ސަޕޯޓަރުން އަންނަނީ ޝޯގައި ކުމާރު ސާނޫގެ ފެނިލުމަށް ކެތްމަދު ވެފައިވާ ކަމަށް ބުނަމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި ޝޯގައި ކުމާރު ސާނޫ ފެނިގެންދާނީ ޝޯގެ ލީޑު ތަރި އަނޫޕަމާ ބައިވެރިވާ މިއުޒިކް އިވެންޓެއްގެ ތެރެއިންނެވެ.

ގެވެށި އަނތްބެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ސްޓާ ޕްލަސްއިން ދައްކަމުން އަންނަ އެ ޝޯ ވަނީ މިހާތަނަށް ވެސް ގިނަ ބައެއްގެ ހިތް އަތުލާފަ އެވެ.