ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅު އޮންނާނީ މިމަހުގެ 11 އިން 14 އަށެވެ. ނަމަވެސް މި ދަތުރުފުޅާގުޅޭ އެއްވެސް ތަފްޞީލެއް ސަރުކާރުން އަދި ހާމަކުރައްވާފައެއްނުވެ އެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޝީޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، މާލޭގެ ޖެޓީ ނަންބަރު 3, 2, 1 ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެކަމަށެވެ.

ފުލުހުން ވަނީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް ޖޫން 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެގުމަށް އަންގަވާފަ އެވެ. އަދި ފަޅަށް ވަދެ ނުކުމެ ހެދުމުގައި، މެރިން ޕޮލިހާއި ކޯސްޓުގާޑުގެ އިރުޝާދާ އެއްގޮތަށް އުޅަނދުތަކުގެ ކެޕްޓަނުން އަމަލު ކުރެއްވުމަށްވެސް ފުލުހުން އަންގާފައިވެ އެވެ.

ރާއްޖެއާ ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގަ އެވެ.