އުމުރުން 30 އަހަރުގެ ބަތަލާ ކިއާރާ އަދުވާނީ ބޮލީވުޑަށް ތައާރަފުވީ އަކްޝޭ ކުމާރު 2014 ގައި ޕްރޮޑިއުސް ކުރި ފިލްމު "ފަގްލީ" އިންނެވެ. އޭގެ ފަހުން ކިއާރާ އައްބާސް-މަސްތާންއާ އެކު 2017 ގެ "މެޝިން" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް ބޮލީވުޑްގައި ގިނަ ފިލްމުތަކެއްގައި ފުރުސަތު ކިއާރާއަށް ލިބެން ފެށީ ނެޓްފްލިކްސް އިން 2018 ވަނަ އަހަރު ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އަށް ފަހު އެވެ.

އެފިލްމަށް ފަހު ކިއާރާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރުގެ ފޭވަރިޓް ބަތަލާއެކެވެ. އިންޑީއާގެ ދެކުނު ފިލްމުތަކާއި ބޮލީވުޑްގެ ގިނަ ކާމިޔާބީ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ކިއާރާއަށް ކޮންމެ ފިލްމަކުން ލިބޭ މުސާރަ އިނގޭ ހެއްޔެވެ؟

ކިއާރާ އެންމެ ފުރަތަމަ ކުޅުނު ފިލްމަށް ކުޑަ މުސާރައެއް ލިބުނަށް އެއަށް ފަހު ކުޅުނު ކޮންމެ ފިލްމެއްގެ މުސާރަ އަންނަނީ ބޮޑުވަމުންނެވެ.

ޝާހިދު ކަޕޫރާއެކު ލީޑްރޯލުން ކިއާރާ ފެނިގެންދިޔަ "ކަބީރު ސިންގް"އަށް ފަހު އޭނާގެ މަޝްހޫރުކަން އިތުރުވެގެން ދިޔަ އެވެ. ފިލްމު ކުޅެދޭ އަގަށްވެސް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އެގޮތުން 2021 ވަނަ އަހަރު ރިލީޒްކުރި "ޝެރްޝާހް" އިންކިއާރާ ފެނިގެންގޮސްފައިވާއިރު މިފިލްމު އޭނާ ކުޅެދިނީ 3 ކްރޯޑް ރުޕީސް އަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޖުގްޖުގް ޖިޔޯ" ކިއާރާ ކުޅެދިނީވެސް 3 ކްރޯޑް ރުޕީސްއަށެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހުގެ ކޮންމެ ފިލްމެއްވެސް ކުއާރާ ކުޅެދީފައިވަނީ 4 ކްރޯޑް ރުޕީސްއަށް ވުރެން މަތިންނެވެ.

އެހެން ނަމަވެސް ބަތަލާއިންނަށް ފިލްމު ކުޅެގެން ލިބޭ މުސާރައަށް ވުރެން އެކްޓަރުންނަށް ލިބޭ މުސާރަ ބޮޑު އެވެ. މިކަމާއި ގުޅިގެން ގިނަ ބަތަލާއިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.