ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ކުރީގެ މިނިސްޓަރު އަބްދުﷲ ޖަމީލު ރަސްމީ ޢިއްޒަތުގައި މިއަދު ފަސްދާނުލައިފި އެވެ.

ޖަމީލްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިއަދު އަސްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގަ އެވެ.

ޖަމީލް އަވަހާރަވިއިރު އުމުރުފުޅަކީ 87 އަހަރެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން އަންނަ އަންގާރަ ދުވަހުން ފެށިގެން ގައުމީ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑިއަށް ތިރި ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފަ އެވެ.

ޖަމީލުގެ ކަށުނަމާދުގަ އާއި ޖަނާޒާގައި އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބު ރައީސް ފައިސަލް ނަސީމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަމީލަކީ، 6 މޭ 1953 އިން ފެށިގެން، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ހާއްސަ ވަކީލު ކަމުގެ މަގާމަށް ހަމަ ޖެއްސެވި އެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޒަން ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޒަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިން ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމު ވެސް ފުރުއްވައިފައިވެ އެވެ.