ޓައިވާނާއެކު ބާއްވަމުން އައި ހުރިހާ ގުޅުމެއް ކަނޑާލުމަށްފަހު ހޮންޑިއުރާސް، ޗައިނާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ މީޑިއާތަކުން ބުނިގޮތުގައި ޓައިވާނާއެކު އޮތް ގުޅުން ކަނޑާލުމަށް ފަހު މާގިނަ ދުވަސްތަކެއް ނުވަނީސް ހޮންޑިއުރާސްގެ އެމްބަސީ މިހާރު ވާނީ ބެއިޖިންގައި ހުޅުވައިފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޗައިނާގެ ވެރިރަށް ބޭޖިންގްގައި އޮތް އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ފޮރިން މިނިސްޓަރު ކިން ގަންގް އާއި ހޮންޑިއުރާސްގެ ފޮރިން މިނިސްޓަރު އެންރީކޭ ރެއިނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޗައިނާގެ ރަސްމީ ޓީވީ ސްޓޭޝަން ސީސީޓީވީ އިން ބުންޏެވެ.

އެ ރިޕޯޓުގައި ފާހަގަ ކުރިގޮތުގައި އެމްބަސީގެ ދާއިމީ އޮފީސް ހުންނާނެ ތަނެއް ނިންމުމާއި އިތުރު މުވައްޒަފުން ހަމަޖެއްސުން ފަދަ ކަންތައްތައް ކުރިޔަށް އޮތް ތަނުގައި ހޮންޑިއުރާސްގެ ސަރުކާރުން ކުރާނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން ހޮންޑިއުރާސްއާއެކު "ތަފާތު ޚާއްސަ" ގުޅުމެއް ޗައިނާ އިން ބާއްވާނެ އެވެ. ސައިޒުގެ ގޮތުންނާއި ސިސްޓަމްގެ ގޮތުން ތަފާތު ގައުމުތަކާއެކު އެފަދަ ގުޅުން ބަދަހިކުރުމަކީ ޗައިނާއިން ގެންގުޅޭ ފަލްސަފާ ކަމަށް އެރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ.

ހޮންޑިއުރާސް އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުވެގެން މި ދިޔައީ ޓައިވާނާއެކު އޮންނަ ގުޅުން ކަނޑާލައި ޗައިނާ އާ ގުޅުން ބަދަހިކުރާ ގައުމުތައް އިތުރުވެފައިވާ ދުވަސްވަރެއްގަ އެވެ.

ޗައިނާގެ ޕްރޮވިންސެއް ކަމަށް ޗައިނާ އިން ބަލައި ޓައިވާން ރަސްމީ ގޮތުން ބަލައިގަންނަ އެއްވެސް ގައުމަކާ ޗައިނާއިން ސިޔާސީ ގުޅުން ނުބާއްވަ އެވެ.