ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސަނޮން ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާއިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަތަލާ ކްރިތީ ޕްރޮޑިއުސްކުރަނީ ސްޓްރީމިން ޕްލެޓްފޯމަކާ ގުޅިގެން ކަމަށެވެ. މިފިލްމުގެ ލީޑް ރޯލުން ކްރިތީ ފެނިގެންދާއިރު މިފިލްމު ރިލީޒް ކުރުމަށް ވެސް ނިންމާފައި ވަނީ ޑިޖިޓަލްކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު މިފިލްމުގެ މަސައްކަތްތައް ކުރަމުން އަންނައިރު މިފިލްމު ބެލުންތެރިނާ ހިސާބަށް ގެނެސްދިނުމަށް ނިންމާފައި ވަނީ އަންނަ އަހަރު އެވެ.

2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 16 ގައި ރިލީޒްކުރާ "އަދިޕުރުޝް" އެވެ. މިފިލްމުގައި ކްރިތީގެ އިތުރުން ފެނިގެންދާނީ ޕްރަބާސް އާއި ސައިފް އަލީ ހާން އެވެ.

ކްރިތީގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ޝެހެޒާދާ" އެވެ.

ކްރިތީ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއި އެކު ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ކަރީނާ ކަޕޫރާއި ތައްބޫއާ އެކީ ކުޅޭ "ދަ ކްރޫ" ހިމެނެ އެވެ.