މީގެ ދެ އަހަރު ކުރިން، 2019 ވަނަ އަހަރު ސިނަމާތަކަށް އައި ރިތިކް ރޯޝަންގެ "ވޯ" ވެގެން ދިޔައީ އެ އަހަރުގެ އެންމެ މަގުބޫލު ފިލްމަށެވެ. އޭގެ ފަހުން ފިލްމަށް ސޮއިނުކޮށް ހުރުމަށް ފަހު މިވަނީ އަނެއްކާ ވެސް ވަރުގަދަ ފިލްމަކަށް ސޮއި ކޮށްފަ އެވެ.

"ފައިޓާ" ނަމަކަށް ކިޔާ މި ފިލްމަކީ "ވޯ" އަދި 2014 ވަނަ އަހަރު ރިލީޒްކުރި ރިތިކްގެ ފިލްމު "ބޭންގް ބޭންގް" ވެސް ޑައިރެކްޓްކުރި ސިދާތް އާދަންދްގެ ފިލްމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ދީޕިކާ ޕާޑުކޯން އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން ބުނެފައިވަނީ މި ފިލްމުން ރިތިކް ފެނިގެން ދާނީ އެއާ ފޯސް އޮފިސަރެއްގެ ރޯލުންނެވެ. ދީޕިކާގެ ރޯލު އަދި އޮތީ ސިއްރުކޮށްފަ އެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް އެކުލެވޭ މި ފިލްމު ސިނަމާތަކަށް އަންނަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މި ފިލްމާ ގުޅޭ މައުލޫމާތު ރަސްމީކޮށް ހާމަކުރަން ނިންމާފައިވަނީ މިއަދު އެވެ. އެއީ ރިތިކްގެ އުފަން ދުވަހެވެ.