ގިނަ ދުވަސްތަކަށްފަހު ހުރިހާ ގްރޭޑެއްގެ ދަރިވަރުންނާއެކު، މިއަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ރާއްޖޭގެ ސްކޫލްތަކުގައި މިއަދު ފަށައިފި އެވެ.
ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފެށިއިރު، ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 12ގެ ދަރިވަރުންނަށް ވަނީ ކިޔަވައިދޭން ފަށާފަ އެވެ. މިއީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ސްކޫލުތައް ދިގު މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން މާލެ އާއި އަތޮޅުތަކުގެ ސްކޫލުތައް ހުޅުވާލައިގެން ހުރިހާ ދަރިވަރުންނަށް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ.
ސްކޫލްތައް އަލުން ހުޅުވާލައި ދަރިވަރުންނާއި މުދައްރިސުން ދިއުމުން ސްކޫލްތަކުން މިއަދު ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ގިނަ ދުވަސްތަކަކަށްފަހު ދަރިވަރުން އަލުން ސްކޫލަށް ނުކުތީ، އެޗްޕީއޭ އާއި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށެވެ. އެގޮތުން ދަރިވަރުންނާއި ޓީޗަރުން މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ގައިދުރުކަމަށް އިސްކަންދިނުމަށް ސްކޫލުތަކުގައި ވަނީ މާކުތައް ކުރަހާފަ އެވެ. އަދި އަތްދޮވެވޭނެ އިންތިޒާމާއި ސެނިޓައިޒްކުރެވޭނެ އިންތިޒާމް ވެސް ސްކޫލުތަކުގައި ހަމަޖައްސާފައިވެ އެވެ. އޭގެ އިތުރުން ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ވަނުމުގެ ކުރިން ހޫނު މިން ބަލަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ސްކޫލްތައް ހުޅުވައިގެން ދެވަނަ ޓާމްގެ ކިޔެވުން ފެށިއިރު، ސްކޫލުތައް ތިން ބަޔަކަށް ބަހާލައިފަ އެވެ. އެގޮތުން ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާއި އެއްގޮތަށް ހުރިހާ ކުދިންނަށް އެއްފަހަރާ ކިޔަވައިދިނުމުގެ ކަންކަން އެއް ސެޝަނަކަށް ކުރިޔަށް ގެންދެވޭ ސްކޫލްތަކާއި ގައިދުރުކަން އިސްކުރުމާއެކު އެޗްޕީއޭގެ ގަވާއިދުތަކާ އެއްގޮތަށް ދެ ސެޝަނަކަށް ބަހާލައިގެން ކިޔެވުން ކުރިޔަށް ގެންދަން ޖެހޭ ސްކޫލްތަކުގައި ދަރިވަރުން ހަފްތާގެ ފަސް ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ދެ ދުވަހުން އެއް ދުވަހު ގެންދާގޮތަށް ބަހާލައިގެން ކުރިޔަށް ގެންދަންޖެހޭ ސްކޫލްތަކުގައި ކުދިން ސްކޫލަށް ހާޒިރުވާން ޖެހޭނީ ދެ ދުވަހުން އެއް ދުވަހު އެވެ. އަދި ރަށްރަށުގެ ކުދިންނަށް ދެ ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކު ވެސް ފަސް ދުވަހު ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ގައިދުރުކަން އިސްކޮށްގެން ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދާ ސްކޫލްތަކުގައި ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސްކޫލަށް ކުދިން ގެންގޮސްގެނެވެ. އަދި ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށެއް ނަމަވެސް ކޮންމެހެން ގެންދަން ޖެހިއްޖެ ހާލަތެއްގައި ގައިދުރުކަން އިސްކޮށް އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ސްކޫލަށް ގެންގޮސްގެން އަދި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ރޭވިފައި ހުންނަށް ޖެހޭނެ ކަމަށް އެ މިނިސްޓްރީން އަންގާފައިވެ އެވެ.
ރަށްރަށުގެ ހާލަތަށް ބަލާ ތިން ބަޔަކަށް ރަށްތައް ބަހާލައިފައި ވަނީ ފުރަބަންދުގައިވާ ވާ ރަށްރަށާއި، މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުގެ އިތުރުން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައި ނުވާ ރަށްރަށް ހިމެނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ގައިޑްލައިންގައި ވާގޮތުން ފުރަބަންދުގައިވާ ރަށްރަށުގެ ހުރިހާ ސްކޫލްއެއް ބަންދުވާނެއެވެ. އަދި މޮނިޓަރިންގެ ގެ ހާލަތުގައިވާ ރަށްރަށަށް ކިޔެވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވާއިރު ކޯވިޑްގެ އެއްވެސް ކޭސްއެއް ނުފެންނަ ރަށްރަށުގައި ފައުންޑޭޝަން ކްލާސްތަކުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔެވުން ކުރިޔަށް ގެންދާގޮތަށް ވަނީ ކަނޑައަޅާފަ އެވެ.
ގްރޭޑް އެކަކުން ފެށިގެން 12އިގެ ދަރިވަރުންނަށް ހަފްތާގެ ފަސް ދުވަހު، ކޮންމެ ދުވަހަކު ސެޝަންގެ ދިގުމިނަކީ ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދެވެ. ފައުންޑޭޝަންގެ ދަރިވަރުންނަށް ސެޝަންގެ ދިގުމިނަކީ ހަފްތާގެ ފަސް ދުވަހު، ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރެވެ. ސެޝަންގެ ތެރެއިން މަދުވެގެން 60 މިނިޓް ހޭދަކުރަން ވާނީ ކުދިންގެ ހުން ބެލުމުގައާއި، އަތް ދޮވުމާއި، ހަރަކާތްތެރިވުމުގައިކަމަށް ގައިޑްލައިންގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން މިދިޔަ އަހަރާއި 2021 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިމަހުގެ 10 ން ފެށިގެން ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. ދެވަނަ ޓާމުގައި 113 ދުވަހު ކިޔަވައިދޭން ނިންމާފައިވާއިރު، މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޯގަސްޓް 10 ވަނަ ދުވަހު އެވެ.