މަސްވެރިކަމުގެ އާންމު ގަވައިދުގައި މަސްވެރިކަމުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތް ތަކުގެ ތެރެއިން ވެލާ ކަހަންބާއި މަޑީގެ ބާވަތްތައް އުނިކުރި ނަމަވެސް އެއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މަސްވެރިކަމުގެ އާންމު ގަވައިދުގައި މަސްވެރިކަމުގެ ތެރޭގައި ނެގުމާއި ހިފުން މަނާ ބާވަތްތަކުގެ ތެރެއިން ވެލާ ކަހަނބާއި މަޑީގެ ބާވަތްތައް އުނިކުރުމާ ގުޅޭގޮތުން ބައެއް ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމާ ބެހޭ ގާނޫގެ ދަށުން ވެލާ ކަހަނބާއި މަޑީގެ ބާވަތްތައް އުނިކޮށްފައިވީ ނަމަވެސް އެއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން އަދިވެސް ހިމާޔަތްކޮށްފައިވާ ބާވަތްތަކެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ހުރިހާ ވެލާ ކަހަންބެއް ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 4 އޭޕްރީލް 2016 ގައި ހިމާޔަތް ކޮށްފަ އެވެ.

މިކަމާ ގުޅިގެން ވެލާ ކަހަނބުގެ ބާވަތްތައް ހިފާ ގެންގުޅުމާއި، އޭގެ ބިސް ނެގުމާއި، ބިސްވަޅުތަކަށް ގޯނާ ކުރުމާއި، އޭގެ ބައިތަކުގެ ވިޔަފާރި ކުރުމާއި، އެތަކެއްޗަށް އެއްވެސް ގޯނާ އެއް ކުރުމާއި އެތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުންލިބޭ ފަދަ ކަންކަން ކުރުމާއި އެތަކެއްޗާއި އެތަކެތީގެ ބިހާއި އޭގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުމާއި އެތަކެއްޗާ ގުޅޭގޮތުން އީޕީއޭގެ ހުއްދަނެތި ދިރާސާ ކުރުމާއި އެތަކެތި އާލާކުރުމުގެ މަސައްކަތް ކުރުމަކީވެސް ގާނޫނީ ގޮތުން މަނާކަމެއް ކަމަށް އީޕީއޭ އިން ބުނެ އެވެ.

އަދި މިއާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިން ވަނީ ބުނެފަ އެވެ.

މަސްވެރިކަމާ ބެހޭ އާންމު ގާނޫނުގައި ވެލާ ކަހަނބާއި މަޑި ފަދަ ބާވަތްތައް ހިމާޔަތްކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ.