ރޯޑް ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޗެއާމަން އަބްދުﷲ އަފީފު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. އަފީފު މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް އެގިފައިވާ ގޮތުގައި އަފީފް އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އޭނާ އާރުޑީސީގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތްކުރައްވާ ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ ބޭފުޅުން މަގާމުން ވަކިކުރަމުން ގެންދެ އެވެ. އެހެންވެ އަފީފްވެސް މަގާމުން އިސްތިއުފާ ދެއްވީ ސަރުކަރުން އޭނާ ވަކިކުރުމުގެ ކުރިން ކަމަށް ވެދާނެ އެވެ.

ސަރުކާރު މަގާމުތަކުގައި ތިބެ އެމްޑީޕީން ވަކިވެގެން އެޕާޓިގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރާ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ވަނީ ވަކިކޮށްފަ އެވެ.

މިގޮތަށް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ވަކިކުރަނީ އެބޭފުޅުން މަގާމުގައި ތިއްބެވީ އެމްޑީޕީގެ ސޮލޮޓްތަކުގައި ކަމަށްވާތީ އާއި މިހާރު އެބޭފުޅުން އެޕާޓީން ވަކިވެފައިވާ ކަމަށް ޕާޓީން ބުނުމުންނެވެ.

އެމްޑީޕީގައި ތިބި ބައެއް މެމްބަރުން މިހާރު ގެންދަނީ އެޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ބައެއް މީހުން ހިމެނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އެމްޑީޕީގެ ސްލޮޓް ތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެ ބޭފުޅުން ސަރުކަރުގެ މަގާމުތަކުން ވަކިކުރަނީ އެމްޑީޕީން އެއީ އެޕާޓީގެ މެމްބަރުން ނޫން ކަމަށް އެންގުމުން ކަމަށް މިއުވާން ވިދާޅުވި އެވެ.