މާބަނޑު ދުވަސްވަރު ކާނާގެ ބާވަތެއް ނުވަތަ ބާވަތްތަކެއް ހަށިގަނޑުގައި މަދުވުމަކީ ދަރިފުޅު އުފެދުމުގައި ފުރިހަމަ ނުވުމުގެ ނުވަތަ އުނިވުމުގެ ތަފާތު ބަލިތައް ޖެހިދާނެ ސަބަބެކެވެ.
އެގޮތުން ދަރިފުޅަށް ދުވާލަކަށް 400 މައިކްރޯ ގުރާމު ފޮލިކު އެސިޑު ނުވަތަ ފޮލޭޓު ހޯދައި ނުދެވޭނަމަ ވިހާއިރު ދަރިފުޅުގެ ސިކުނޑީގެ އުނިކަމެއް ނުވަތަ މައިބަދައިން ބައެއް އެއްކޮށް ފުރިހަމަ ނުވުމަކީ ވެދާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ދުވާލަކަށް 600 – 800 މައިކުރޯގުރާމުގެ ފޯލިކު އެސިޑު ބޭނުންވެ އެވެ.
އޮށާއި ފެހިކުލަގަދަ ފަތާއި ސްޕެނިޗާއި އޮރެންޖު ޖޫހަކީ ފޯލިކު އެސިޑު ގިނަ ކާނާ ތަކެވެ. ފޮލިކު އެސިޑުގެ އިތުރުން ވިޓަމިނާއި މިނެރަންލަސް އަކީވެސް މާބަނޑު ދުވަސްވަރު ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި މާއްދާތަކެކެވެ.
ވިޓަމިން އޭ، ކޭ، އީ އަދި ބީ2 އާއި މިނެރަލްސްގެ ތެރެއިން ދަގަނޑު، ކޮޕާާ، ކެލްސިއަމް އަދި ޒިންކު ހަށިގަނޑަށް ބޭނުންވާވަރަށް ނުލިބުމަކީ ވަރަށް ގިނަ ސިއްހީ މައްސަލަތައް ދިމާވާ ދިމާވެދާނެ ކަމެކެވެ.
މިގޮތުން ދިމާވާ މައްސަލަތަކުގެ ތެރޭގައި މައިމީހާގެ ހަށިގަނޑުގައި ލޭދަށްވުމާއި ދަރިފުޅުގެ ސިކުނޑި ފުރިހަމައަށް މަސައްކަތް ނުކުރުން ހިމެނެ އެވެ.
ބަލިވެއިނުމަށްފަހު ވެސް އެކަށީގެންވާވަރަށް ބަރުވަމުން ނުދިއުމަކީ ދުވަސްނުފުރާ ވިހެއުން ފަދަ ކަންތައް ދިމާވެދާނެ ކަމެކެވެ. އަދި ދުވަސްފުރައި ވިހެއިކަމިގައިވިޔަސް މިފަދަ ކުދިން ވިހާއިރު ބަނޑުގައި ބޮޑުވަންޖެހޭވަރަށް ބޮޑުވެފައި ނެތުމަކީ ވުން ވަރަށް ގާތް ކަމެކެވެ.
މިއީ ދަރިފުޅަށް ފަހުން އެކަމުގެ ސަބަބުން ވަރަށް ގެއްލުން ވެދާނެ ކަމެކެވެ. ހާއްސަކޮށް ކެއުމުގެ ތަފާތު މައްސަލަތައް ބޮޑުވުމަށްފަހުވެސް މިފަދަ ކުދިންނަށް ކުރިމަތި ވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
ބަލިވެ އިންނައިރު ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ ލުއިކޮށް ހުރިނަމަ މާބަނޑު ދުވަސްވަރު 12.5 ކިލޯއާއި 18 ކިލޯއާއި ދެމެދުގެ މިންވަރަކަށް ބަރުވާން ޖެހޭނެ އެވެ.
ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް ހުންނަ މީހުން ބަލިވެއިނުމުން މާބަނޑު ދުވަސްވަރު ބަރުވާން ޖެހެނީ 11 ކިލޯއާއި 16 ކިލޯއާއި ދެމެދުގެ މިންވަރަކަށެވެ. ނަމަވެސް ހާލަތުގެ މައްޗަށް ބަލައި މިނޫން ގޮތަކަށް ޑޮކްޓަރު މަޝްވަރާ ދިނުމަކީ އެކަށިގެންވާ ކަމެކެވެ. ކޮންމެ މީހަކީވެސް ތަފާތު މީހަކަށް ވާއިރު އެންމެން އެއްގަވާއިދަކަށް ފެތޭކަށް ނުޖެހެ އެވެ.