އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ މަހޭޝް ބާބޫ އާއެކު ފިލްމު ކުޅެން ބޭނުންނުވާ ސަބަބު ބަތަލާ ޕޫޖާ ހެގްޅޭ ހާމަކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖާ އާއި މަހޭޝް ބާބޫ އާ ދެމެދު މައްސަލަ ޖެހުނީ އެދެމީހުން އެކުގައި ފެނިގެންދާ ފިލްމު "ގުންތޫރު ކާރަމް" ޝޫޓިން ޝެޑިއުލަށް އަބަދު ބަދަލު އަންނާތީ އެވެ. މިބަދަލުތައް އަންނަނީ މަހޭޝް ބާބޫގެ ސަބަބުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޕިންކްވިލާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމުގެ ޝޫޓިންނަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. އަދި މިފިލްމުގެ ސްކްރިޕްޓަށް ވެސް ބޮޑު ބަދަލެއް އައިސްފައިވާ ރިޕޯޓްކޮށްފައިވެ އެވެ. މިސަބަބުތަކާ ހުރެ ޕޫޖާ މިހާރު މިފިލްމު ކުޅެން ބޭނުމެއް ނުވެ އެވެ.

މިފިލްމު ދޫކޮށްލަން ޕޫޖާ މިހާރު ވަނީ ނިންމާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖޫން މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ޕޫޖާ ވަނީ އެހެން ބައެއް ފިލްމުތަކަށް ކުޅުމަށް އެއްބަސްވެފަ އެވެ. އެހެން ނަމަވެސް މަހޭޝް ބާބޫގެ ފިލްމާ ހެދި އެފިލްމުތަކަށް ފުރުސަތު ދިނުމަށް ޕޫޖާއަށް ވަނީ ހުރަސް އެޅިފަ އެވެ.

ތެލުގޫ އަދި ހިންދީ ފިލްމުތަކުގައި ގިނައިން މަސައްކަތްކުރާ ޕޫޖާ ހެގްޅޭއަކީ މިހާރު ހުރި އެންމެ ބިޒީ ބަތަލާއިންގެ ތެރެއިން އެކަކެވެ. ޕޫޖާގެ ކުރިއަށް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.