މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގެ އިތުރުން 25 މިސްކިތެއްގައި އަޟްހާ އީދު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ސްޓޭޑިއަމާއި، ހުޅުމާލޭ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި، ވިލިނގިލީގެ ބޯޅަދަނޑުގައި ވެސް އީދު ނަމާދު ބޮޑުޖަމާއަތުގައި ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭ ހިމެނޭހެން އިތުރު 25 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މީގެ ތެރޭގައި ހިމެނެނީ މާލޭގެ 17 މިސްކިތަކާއި، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތިން މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ދެ މިސްކިތެއްގެ އިތުރުން ހުޅުލޭގެ ދެ މިސްކިތަކާއި، ވިލިމާލޭގެ މިސްކިތެކެވެ.
މާލޭގައި ކޮންމެ އީދެއްގައި ވެސް އީދު ނަމާދު ބޮޑު ޖަމާޢަތުގައި އަންނަނީ ކުރަމުންނެވެ. ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީއާ އެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް މިފަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ މި މަހުގެ 28 ވާ ބުދަ ދުވަހެވެ.