ޕޯޗުގަލް ގައުމީ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެދިން 200 ވަނަ މެޗާއެކު އޭނާ ދުނިޔޭގެ ގިނިސް ވޯލްޑް ރެކޯޑްސް ފޮތަށް އަރައިފި އެވެ.
ކުވެއިތުގެ ބަދޭރު އަލް މުތާވާ، އެ ގައުމުގެ ގައުމީ ޓީމަށް 196 މެޗު ކުޅެދީގެން ހަދާފައިވާ ރެކޯޑް އުމުރުން 38 އަހަރުގެ ރޮނާލްޑޯ މި ވަނީ މުގުރާލައިފަ އެވެ. އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެކަން ފާހަގަކުރަން ރޮނާލްޑޯ އަށް ވަނީ ގިނިސް ވޯލްޑް ރެކޯޑްސް އިން ހާއްސަ ސެޓްފިކެޓެއް ވެސް ދީފަ އެވެ.
ރޮނާލްޑޯ ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮލިފައިންގައި އަންގާރަ ދުވަހު އައިސްލޭންޑް އަތުން 1-0 އިން މޮޅުވެ މެޗުގެ 89 ވަނަ މިނެޓުގައި މޮޅު ގޯލު ޖަހައި އެ ޕޯޗުގަލް މޮޅުކޮށްދީފަ އެވެ.
ރޮނާލްޑޯ ރޭ ޖެހި ގޯލަކީ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 123 ވަނަ ގޯލެވެ.
ޕޯޗުގަލް އިން ވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވާން ކުޅޭ ކޮލިފައިން ގްރޫޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ.
އެ މެޗަށް ފަހު ހުނަރުވެރި ކުޅުންތެރިޔާ ބުނީ ގައުމީ ޓީމަށް 200 މެޗް ކުޅެދެވުމަކީ އުފަލެއް ކަމަށާއި އެއަށް ވުރެ ބޮޑަށް އުފާވީ ޓީމު މޮޅުކޮށް ދެވެމުން ކަމަށެވެ.
ޕޯޗްގަލް އަށް ރޮނާލްޑޯ 200 މެޗް ހަމަކުރި އިރު، މިހާތަނަށް ގައުމީ ޓީމަކަށް އެންމެ ގިނަ މެޗް ކުޅުމުގެ ރެކޯޑް އެންމެ ފަހުން ވެސް އޮތީ ހަމަ އޭނައަށެވެ.