ރ. ދުވާފަރު ކައުންސިލަރުންގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ ބޮޑު މައްސަލައާ ގުޅިގެން ނަސޭހަތްދިނުމުގެ އެއްބަސްވުން ހަދައިފި އެވެ.

ދުވާފަރު ކައުންސިލަރުންތަކަކާއި ކައުންސިލްގެ މުއައްޒަފުން ގުޅިގެން ހިންގި ބޮޑު ހިޔާނާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދޭން މާޗް މަހުގެ 2 ވަނަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ. އަދި މެއި މަހުގެ 2 ވަނަ ދުވަހު ޕީޖީ އޮފީހުން ނިންމާފައި ވަނީ ރ. ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލައިގައި އެ ކައުންސިލުގެ މެމްބަރުންނާއެކު، ނަސޭހަތްދިނުމުގެ އެއްބަސްވުމެއް ހަދައި މައްސަލަ ނިންމާލާށެވެ.

އެލްޖީއޭ އިން އެކުލަވާލާފައިވާ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިންގެ ރިޕޯޓެއްގައިވާގޮތުން ބައެއް ކައުންސިލަރުންނާއި ބައެއް އިދާރީ މުވައްޒަފުންގެ ބޭންކު އެކައުންޓަށް ކައުންސިލްގެ ފައިސާގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަދެފައިވެ އެވެ. ނަމަވެސް އެ ފައިސާ އަކީ ކީއްކުރަން އެ އެކައުންޓްތަކަށް ޖަމާކުރި ފައިސާއެއްކަން އެނގެން ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ކައުންސިލުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

މިއަދު ވަނީ ކައުންސިލަރުންނާއި އެކު ނަސޭހަތުގެ އެއްބަސްވުން ހަދާފަ އެވެ.

ޕީޖީ އޮފީހުން ބުނީ ރ. ދުވާފަރު ކައުންސިލްގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލާގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ނަސޭހަތުގެ އެއްބަސްވުން ހެދުމަށް ޕީޖީން އޮފީހުން ރިއާޔަތްކުރި ކަންކަމުގެ ތެރޭގައި ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި ކުށުގެ އަމަލުގައި ބައިވެރިވުން އޮތް މިންވަރާއި ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މުއްދަތާއި ދައުލަތަށް ބަދަލު ލިބިފައިވުމާއި މައްސަލާގައި ދައުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިއާޔަތް ކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެލްޖީއޭ އިން އެކުލަވާލާފައިވާ ދުވާފަރު ކައުންސިލްގެ ހާއްސަ މޮނިޓަރިންގެ ރިޕޯޓެއްގައި ވާގޮތުން އެއްވެސް ލިޔެކިޔުމެއް ނެތި އެންމެ ގައިން ފައިސާ ޖަމާކޮށްފައި ވަނީ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަަލީފުޅުގެ އެކައުންޓަށެވެ. އެއީ 711،617 ރުފިޔާ އެވެ.

ކައުންސިލް މެންބަރު މުޙައްމަދު ޝާމްގެ އެކައުންޓަށް 447،837 ރުފިޔާ ޖަމާވެފައިވެ އެވެ. އަދި ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދުގެ އެކައުންޓަށް 237،548 ރުފިޔާ ޖަމާވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ލިބުނު ފައިސާގެ އަދަދު 252،048 ރުފިޔާ އަށް އަރައެވެ.

ކައުންސިލް މެންބަރު ޒުހުދާ އާދަމް އަށް 181،666 ރުފިޔާ، ސެކެޓްރީ ޖެނެރަލް މުހައްމަދު ނާސިހް އަށް 165،200 ރުފިޔާ، ކައުންސިލް މެންބަރު އަޙްމަދު ސަމޫހް އަށް 128،696 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. ހަަމައެހެންމެ ކައުންސިލް މެންބަރު އައިމިނަތް ސަލާހް އަށް 119،535 ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.