ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް ގެނައި އިސްލާހާއި އެކު އިލެކްޝަން ކޮމިޝަނުން އެއިންތިޒާމުތައް ހަމަޖައްސާ އެކަމަށް އިލެކްޝަން ކޮމިޝަނުން ތައްޔަރު ކަމަށް އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.

ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އިންތިހާބުތަކުގައި މީހެއްގެ އެހީއާ ނުލާ ވޯޓުލެވޭ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓު ބޭނުންކުރެވޭ ގޮތަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ނަިއބު ރައީސް ހަބީބު ވިދާޅުވީ ޚާއްސަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަހްރޫމްވެފައިވާ މީހުން އަމިއްލަ އަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާޙަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ހައްގު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާ އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

ހަބީބު ވިދާޅުވީ މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަށް އެކޮމިޝަނުން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމާގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އިސްލާހުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީ ގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެކެވެ.

އެ ޓެމްޕްލޭޓު އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާނެ ފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓު ނަންބަރު ޓެކްޓައިލްކޮށްފައި އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަ ޖަހަން ޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށް ކަމަށް އިސްލާހުގައިވެ އެވެ.