މޮސްކޯ (ޖޫން 25) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ ސިފައިން ޔުކްރޭނަށް އަރާ އެ ގައުމު ސުންނާފަތިކުރަމުން ދިޔައިރު މިއޮތް ހުރިހާ ދުވަހު ޕުޓިން ހިތްޕުޅަށް އެކައްޗެއް ވެސް އަރައިވަޑައިނުގަނެ އެވެ. ވަރުގަދަ ގައުމެއް ފުނޑާލަނީ އެވެ.

އެކަމަކު ރަޝިޔާގެ ކުލީ ސިފައިންގެ ގްރޫޕް ވެގްނާގެ އެންމެ ހަމަލާއަކުން ޕުޓިން ސިހިވަޑައިގެން ގޮތް ހުސްވާ ހިސާބަށް ހިނގައްޖެ އެވެ. ވެގްނާ ގްރޫޕުން ވެރިރަށަށް އަމާޒު ހިފިއިރު ޖެހުނު ކޮންމެ ތަނެއް އެ މީހުން ފަތަހަކުރަމުން ދިޔަ އެވެ.

މިއީ ވެގްނާ ގްރޫޕާއި ރަޝިޔާ ސިފައިންނާ ދެމެދު އެތައް ދުވަހެއް ވަންދެން އުފެދެމުން ދިޔަ ނުތަވަސްކަމުގެ ނަތީޖާ އެވެ. ވެގްނާ އިން ތުހުމަތުކުރާ ގޮތުގައި އެ ޖަމާއަތަށް ރަޝިޔާ ސިފައިން އެކަށީގެންވާ ގޮތެއްގައި ހަތިޔާރު ފޯރުކޮށެއް ނުދެ އެވެ. އަދި އެއީ ގަސްދުގައި ކުރި ކަމެއް ކަމަށް ވެސް އެ ޖަމާއަތުން ތުހުމަތު ކުރިއެވެ.

ވެގްނާ ގްރޫޕުގެ ލީޑަރު ޔޯގަނީ ޕްރިގޯޒިން އަކީ ޑިފެންސް މިނިސްޓަރު ސާގީ ޝޮއިގޫ އާއި ޗީފް އޮފް ސްޓާފް ވެލެރީ ގެރަސިމޯ އަށް ފާޅުގައި ފާޑުކިޔަމުންދިޔަ މީހެކެވެ. އެކަމަކު ފާޑުކިޔުމާއި އަސްކަރީ ހަމަލާއެއް ދިނުމާ އެއީ މުޅިން ދެ ކަމެކެވެ.

ޕްރިގޯޒިން ތުހުމަތުކުރި ގޮތުގައި އެ މީހުން ރަޝިޔާ އަށް އަރައިގަތުމަށް މަގުފަހިކުރުވީ ޑިފެންސް މިނިސްޓްރީންނެވެ. ވެގްނާގެ ކޭމްޕަކަށް ރަޝިޔާ ސިފައިން ހުކުރު ދުވަހު މިސައިލް ހަމަލާއެއް ދިން ކަމަށް ޕްރިގޯޒިން ބުންޏެވެ. ނަމަވެސް ރަޝިޔާ ސިފައިން އެކަން ދޮގުކުރެ އެވެ.

ވެގްނާ ގްރޫޕުގެ ވެރިޔާ ޕްރިގޯޒިން. --ފޮޓޯ:އޭޕީނިއުސް

ވެގްނާ ގްރޫޕުގެ ހަމަލާއަކީ ރަޝިޔާގެ ވެރިކަން ވައްޓާލައި ބަޣާވަތް ކުރުން ކަމަށް އެއް ބަޔަކު ބުނި ނަމަވެސް ޕްރިގޯޒިން ބުނަނީ އެއީ އަސްކަރީ ލީޑަޝިޕާ ދެކޮޅަށް ހިންގި ކަމެއް ކަމަށެވެ. އަދި ޕުޓިންގެ ސަރުކާރު ވައްޓާލުމުގެ އަމަލެއް ނޫން ކަމަށެވެ. މި ހަމަލާގެ ހާސްކަމުގެ ތެރޭގައި ޕުޓިން ވަނީ ކުއްލި ގޮތަކަށް ގައުމާ މުޚާތަބްކުރައްވައި ގައުމުގެ ކޮންޓްރޯލް އޮތީ އޭނާގެ އަތްޕުޅުގައި ކަމަށް ވިދާޅުވެފަ އެވެ. ވެގްނާގެ ހަމަލާ ޕުޓިން ސިފަކުރައްވާފައި ވަނީ ވަރަށް ބޮޑު ބޭވަފާތެރި ކަމެއް ކަމަށާއި "ފަހަތުން ބުރަކައްޓަށް ވަޅިޖެހުން" ފަދަ ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު ބޮޑު ލޭއޮހޮރުވުމަކުން ރަޝިޔާ ސަލާމަތްކުރުމުގެ ބޭނުމުގައި ވެގްނާއިން މިހާރު ވަނީ ފަހަތަށް ޖެހެން އެއްބަސްވެފަ އެވެ. އަދި އެތެރޭގެ ބަޣާތްކުރި މެންބަރުންނަށް ދައުވާ ނުކުރަން ރަޝިޔާ ސިފައިން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ވެގްނާގެ ވެރިޔާ ޕްރިގޯޒިން ބެލާރުސް އަށް ފޮނުވާލަން ވެސް ވަނީ ނިންމައިފަ އެވެ.

އެކަމަކު ޔުކްރޭން ހަނގުރާމައަށް 16 މަސްވީ އިރު ކާމިޔާބު ނުލިބުމުގެ ކަންބޮޑުވުމަށް ޕުޓިން އަށް މިހާރު އިތުރުވެފައި ވަނީ ގައުމުގެ ތެރޭން ބަޣާވަތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރެވެ.