އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުން އެކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ އާއި އެމްއެންޕީ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމްގެ އިތުރުން އަލަށް އުފައްދަން މަސައްކަތް ކުރާ ދަ ޑެމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑިމޮކްރެޓްސްގެ ފަރާތުން ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އިންތިހާބާއި ގުޅެގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުންވެސް ހާއްސަކޮށް ސަރުކާރުގެ ނުފޫޒު އޭގެ ތެރެއަށް ވަދެގެން ދައުލަތުގެ އެހެން އިދާރަތަކުން ހިންގާ ބައެއް ކަންކަމަކީ ކަންބޮޑުވާ ކަމެއް، އިންތިހާބެއް މިނިވަންވެ ދެފުއް ފެންނަ އިންތިހާބަކަށް ވެގެން ދަނީ ހަމަ އެކަނި ވޯޓުލުމަކުން ނޫން،" ހަސަން ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބެއް ބޯމަތިވެފައިވާއިރު އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަކީ އެކޮމިޝަންގެ މައްޗަށް އޮތް ބޮޑު ޒިންމާ އެއް ކަމަށެވެ.

އިންތިހާބަށް ދެ މަސް އޮތް އިރު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިފެންނަނީ ރައްޔިތުން ވަރަށްބޮޑަށް މާޔޫސްވާ މަންޒަރެއް ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"އީސީގެ ފަރަތުން މިފެންނަނީ ރައްޔިތުން ވަރަށް މާޔޫންވާ މަންޒަރެއް ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮތްކަން ފެންނަމުން މިދަނީ، ގާނޫނު އަސާސީ އާއި އުސޫލުތަކާ ހިލާފަށް ޢީސީ އިން އަމަލުކުރާ ކުރުން މިއީ ކަންބޮޑުވާ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެކޭ ބުނާ ބުނުމަކީ ހަމައެކަނި ނަމްބޯޑެއްގައި އޮންނަ އެއްޗެއް ކަމަށެވެ. މިނިވަން ކޮމިޝަނަކަށް ވާނީ ދެފަރާތުގެ މައްސަލަތަކަށް ވަކި އަތަކަށް ނުޖެހި ހައްލުހޯދައިދިނުން ކަމަށާ އެހެން ނަމަވެސް ފެންނަނީ އެމަންޒަރު ނޫން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

މިހާރު މިފެންނަނީ އީސީ އަކީ ސަރުކާރު އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވީ ބ ކެންދޫ ދާއިރަގެ މެމްބަރު އަލީ ހުސައިން އެވެ. އަދި އެމްއެންޕީގެ ފަރަތުން ބައިވެރިވީ ވިލިމާލެ ދާއިރަގެ މެމްބަރު އަހުމަދު އުޝާމް އެވެ. އަދި އެމްއާރުއެމްގެ ފަރާތުން ބައިވެރިވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިސްލާއިލް ޒަބީހް އެވެ.

ހުރިހާ ޕާޓީތަކުން ވެސް އެއްބަސްވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިހާބަސް މިނިވަން ތަނެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.