ގިނަ އެކްޝަން ސީކުއެންސްތަކާއެކު ތަފާތު މަންޒަރުތަކެއް ފެންނަ ދިވެހި ފިލްމު "ނީނާ" ގެ އާ ޕޯސްޓަރެއް އާންމުކޮށްފި އެވެ.

އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔަ ފިލްމު "ބަވަތި"ގެ ކާމީޔާބީއަށް ފަހު ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރޭ ދެވަނަ ފީޗާ ފިލްމު "ނީނާ" އާ ޕޯސްޓަރެއް އާންމުކޮށްފައިވާއިރު މިފިލްމު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހު އެވެ. މިއީ އިއްލެ ލިޔެ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ.

ފިލްމުގެ ޓީޒާ މީގެ ކުރިން ދެއްކިއިރު މި ފިލްމުގެ ޓީޒާ އަށް ވަނީ އާންމުންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. މަޝްހޫރު ތަރި ނުޒުހަތު ޝުއައިބު އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ލ. އަތޮޅުގައި ބޮޑު ބައި ޝޫޓްކުރި ފިލްމެކެވެ.

ނުޒޫގެ ގިނަ ލުކްތަކެއް ފެނިގެންދާ މި ފިލްމުން ފެނިގެންދާނެ އިތުރު ތަރިންނަކީ ކުރީގެ ފިލްމީ ތަރި ވެޓަރަން އެކްޓްރެސް، މަރިޔަމް ރަޝީދާ، ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމް އެވެ.