މުސްލިމުންނަކީ އެކަތި ގަނޑެއްގެ ކަމަށާއި އެއްބައިވަންތަ ބައެއްގެ ގޮތުގައި ވުމަށް މިއަދުގެ ހައްޖު ހުތުބާގައި ގޮވާލައިފި އެވެ.

ސައުދީގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އެންމެ މަތީ އިލްމުވެރިންގެ ހިމެނޭ ކައުންސިލްގެ މެމްބަރު ޝެއިޚް ޔޫސުފް ބިން މުހައްމަދު ބިން ސައީދު އަރަފާތު ބިމުގައި ހުންނަ ނަމިރާ މިސްކިތުގައި މިއަދު އިއްވި، މިއަހަރުގެ ހައްޖު ހުތުބާ ބިނާކޮށްފައި ވަނީ މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބައިވަންތަކަމާއި ހައްގުތަކުގެ މައްޗަށެވެ.

މިއަދުގެ ހައްޖު ހުތުބާގައި ވިދާޅުވީ މުއުމިނެއްގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށެވެ. އަދި އެއް ގުނަވަނުގައި ވޭން އަޅާނަމަ އެކަމުގެ އަސަރު ހުރިހާ ގުނަވަނަކަށް ކުރާނެ ކަމަށް ހުތުބާގައި ވިދާޅުވެފައިވެ އެވެ.

އެ ހުތުބާގައި ވިދާޅުވީ މާތް ﷲ ދެއްވި ނިއުމަތްތައް އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށާއި މުސްލިމުންނަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ލެއްވިކަމަށްޓަކައި ﷲ އަށް ހަމްދުކުރަން ޖެހޭ ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އޭގެ އިތުރުން އަހަރެމެން ފަރުވާ ބަހައްޓައިގެން އެ އެއްބައިވަންތަކަން ދަމަހައްޓަންޖެހޭނެކަން ހުތުބާގައި ފާހަގަކޮށްފައިވެ އެވެ. އަދި ﷲ އަންގަވާފައި ވަނީ އެކަލާންގެ އަށް ޝަރީކުނުކޮށް އެއްބައިވަންތަ ބައެއްގެ ގޮތުގައި މުސްލިމުން ވުމަށް ކަމަށް ވެސް ހުތުބާގައި ވިދާޅުވެފައިވެ އެވެ.

ހުތުބާގައި ވިދާޅުވީ މުޖުތަމައުތަކުގައި އެއްބައިވަންތަކަމުގެ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި ވަޠަނާއި ގައުމުގެ ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ދެމި އޮންނަނާނެ ގޮތްތަކެއް އޮންނަންޖެހޭ ކަމަށެވެ. އެއީ ކީރިތި ޤުރުއާނާ، ރަސޫލާ صلى الله عليه وآله وسلم ގެ ސުންނަތުގައި ހިފެހެއްޓުންކަމުގައި ހުތުބާގައި ވަނީ ގޮވާލާފަ އެވެ.

މިއަދު މެންދުރު ނަމާދަށް ހައްޖުވެރިން ނަމިރާ މިސްކިތަށް ޖަމާވަނީ.

ކަމަކާ ދެބަސްވެ ހިލާފު އުފެދިއްޖެ ނަމަ، އެކަމެއްގައި ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وآله وسلم ގެ ސުންނަތުގައިވާ ގޮތް ދެނެގަނެ އެގޮތަކަށް ރުޖޫއަވުމަށް ޚުޠުބާގައިވަނީ ބާރުއަޅާފައެވެ. އަދި މީސްތަކުންގެ ގާތަށް މީހަކު ހަބަރަކައިގެން އަތުވެއްޖެނަމަ އެކަމުގެ ތެދުދޮގު ބަލަން އަންގަވާފައިވާފައިވާކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފަ އެވެ.

މިއަދަކީ ދުއާކުރުމުގެ ދުވަސް ކަމަށާއި އެންމެހާ މުސްލިމުންނަށް ހެޔޮ ރަޙުމަތްލައްވާތޯ ދުއާކުރަންވާނެ ކަމަށާއި އެކަތިގަނޑެއްގެ ގޮތުގައި ދެމިތިބުމުގެ ތަޢުފީގު ދެއްވުމަށް ދުއާކުރުމަށް ވެސް ހުތުބާގައި އެދިފައިވެ އެވެ.

މިއަހަރުގެ ހައްޖު ހުތުބާ ނަމިރާ މިސްކިތުގައި މިއަދު ދޭއިރު ހައްޖުވެރިން އަޑު އަހަނީ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގެ މާތް ބިމަށް ގޮސް ތިބި 2.5 މިލިއަން މުސްލިމުން އަރަފާތުު ބިމަށް މިއަދު ވަނީ ޖަމާވެފަ އެވެ. މިއަހަރަކީ ކޮވިޑްއަށް ފަހު މިހާ ގިނަ ބަޔަކު ހައްޖުވި ފުރަތަމަ ފަހަރެވެ.

މިއަދަކީ ހައްޖުގެ އެންމެ މަތިވެރި ރުކުން ކަމުގައިވާ އަރަފާތުގައި ހައްޖުވެރިން ތިބޭ ދުވަހެވެ. ހައްޖުވެރީން މުޅި ދުވަސް ހޭދަ ކުރާނީ އަރަފާތު ބިމުގަ އެވެ. ނަމާދު ކުރުމާއި ދުއާ ކުރުމާއި ގުރުއާން ކިޔެވުމާއި ތަލްބިއާ ކިއުމުގަ އެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ އެތައް މިލިއަން މީހުން އަރަފާތް ބިމުގައި މިއަދު މެންދުރު މަޑުކޮށްލައިގެން.

މި އަހަރު ރާއްޖެއިން 1،000 މީހުން ވަނީ ހައްޖަށް ގޮސްފަ އެވެ.