ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް ވެކްސިން ގެނައުމަށް ސިންގަޕޫރުގެ އެސްޓްރާ ޒެނެކާ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އުއްމީދު މިކުރަނީ ވެކްސިން ފުރަތަމަ ޝިޕްމަންޓް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް. ނަމަވެސް ފުރަތަމަ ލިބޭނީ ކޮން ބައެއްގެ ވެކްސިނެއް ކަމެއް އަދި މުޅިން ނުނިމޭ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ގެންނަ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގެ ތެރޭގައި ޑަބްލިއުއެޗްއޯގެ ކޮވެކްސް އާއި ހުއްދަ ދީފައިވާ އެހެން ބައެއް ވެކްސިން ވެސް ގެނައުމަށް ފޮރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކޮވެކްސްގެ ތެރެއިން ވެސް ލިބޭނެ ވެކްސިން އެބައުޅޭ. އަޅުގަނޑުމެން އޯޑަރު ދިން އެހެން ވެކްސިން ވެސް އެބަ އުޅޭ. މިހާރު އެސްޓްރާ ޒެނެކާއަށް ވެސް އޯޑަރު ދީފައި ވަނީ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ޝިޕްމަންޓް ލިބޭނެ ދުވަހެއް އަދި އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް މިވަގުތު ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް އެޑްވާންސް ޝިޕްމަންޓް މިމަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"ވެކްސިން ފުރަތަމަ ޖަހަން ނިންމާފައި ވަނީ ކުރިން ވެސް ނިންމާފައިވާ ގޮތަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް. ވެކްސިން ޖެހުމުގެ ޕްރޮގްރާމް އެޗްއީއޯސީ އިން ރާވައިގެން ކުރިޔަށް ގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.