ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ މިއަދު ބޭއްވުމަށް ތާވަލުކުރި އަޑުއެހުމުގެ ޝަރީއަތް ވެސް ކެންސަލްކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު 9:00 އަށް ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލް ކުރީ ދައުވާ ލިބޭ ކްރިކް ރިޒާގެ ބަލި ހާލަތު ހުރި ގޮތުން އަޑުއެހުން ކެންސަލް ކުރަން އޭނާގެ ފަރާތުން އެދިފައިވާތީ ކަމަށެވެ.

މި މައްސަލައިގައި އެންމެ ފަހުން ތާވަލުކުރި ދެ އަޑުއެހުން ވެސް ވަނީ ކްރިކް ރިޒާގެ ބަލިވެ އުޅޭތީ ކެންސަލްކޮށްފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އަދި އޭގެ ފަހުން، މި މަހުގެ 9، 11 އަދި 13 ވަނަ ދުވަހަށް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އެގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގި ދުވަސްވަރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތު ހިމެނޭހެން މިހާތަނަށް ވަނީ ފަސް މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހެކިބަސް ނެގީ ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަ ހެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވެ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންގީޒު ކުރައްވަމުންނެވެ.