ރާއްޖޭގެ ވެރިރަށް މާލެއަށް އައިސްފައި އޮތް ތަރައްގީއަކީ އަތޮޅުތަކުގެ ތަރައްގީ އަށް އިސްކަން ނުދީ ގެނެސްފައި އޮތް ތަރައްގީއެއް ކަމަށާއި އެކަމުގައި އަތޮޅުތަކުގެ ރައްޔިތުންގެ ހިއްސާ އޮތް ކަމަށް ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
އާޒިމާގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި މާލޭގެ ތަރައްގީ އަށް އިސްކަން ދިނުމުހެ ނަތީޖާ އަކީ ތަފާތުކުރުންތަކާއި ބައިބައިވުންތަކަށް ވެސް މަގުފަހިވުން ކަމަށެވެ. މާލެ ތަރައްގީ ކުރީ އަތޮޅުތަކުގެ ތަރައްގީ ގުރުބާންކޮށްފައި ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
"ތަފާތުކުރުންތައް އިތުރުވާނަމަ މާލެއާއި އަތޮޅު ތެރޭގެ ފަރަގު އިތުރަށް ބޮޑުވެގެން ދާނެ. ރާއްޖޭގެ އެއްވެސް ރައްޔިތަކީ އެހެން ރައްޔިތަކަށް ވުރެ މާ މަތީ މީހެއް ނޫން" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ވަޒަންވެރިންގެ ތެރެއިން މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ހިލޭ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މާލެ ތަރައްގީވެފައިވަނީ އަތޮޅުތަކުގެ ރައްޔިތުން މާލެ އައިސް މާލެ ތަރައްގީ ކުރީމާ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މާލެ ސަރަހައްދުން 5،000 އަށްވުރެ ގިނަ ގޯތި މާލެ މީހުންނަށް އެކަނި ހިލޭ ބަހައިލަން ސަރުކާރުން ނިންމައި ގޯތި ދޭނެ މީހުންގެ ވަގުތީ ލިސްޓެއް ފާއިތުވި ހަފުތާގައި އާންމުކުރި އެވެ. އެއާއެކު މާލެ ސަރަހައްދުގައި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އަޅާފައިވާ ފުލެޓުތަކުގައި ދިރިއުޅޭ މީހުން ކުލި ދެއްކުން ހުއްޓައިލުމުގެ މަޝްވަރާތައް އާންމުންގެ އެކުވެރިކަމުގެ ގުޅުމުން ވަނީ ފަށައިފަ އެވެ.