ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދްކޯން އާއި ރަންވީރު ސިންގް އެކުގައި ކޮށްފައިވާ މަސައްކަތުގެ ވީޑިއޯއެއް އާންމުކޮށްފި އެވެ. މިއީ ފިލްމެއް ކަމެއް ނުވަތަ ސީރީޒެއް ކަމެއް އަދި ނޭނގެ އެވެ.

މިވީޑިއޯގައި ރަންވީރު އާއި ދިޕިކާގެ އިތުރުން "އާރްއާރްއާރް" އެކްޓަރު ރާމް ޗަރަން އާއި ބަތަލާ ޓްރިޝާ ފެނިގެންދެ އެވެ.

ރަންވީރު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއީގައި ދިޕިކާ އުޅެނީ އޭނާގެ ފިރިމީހާ ގެއްލިގެންނެވެ. އަދި ފުލުހުންނަށް އެމައްސަލަ ރިޕޯޓްކުރެ އެވެ. ޑިޓެކްޓިވް އެޖެންޓެއްގެ ގޮތުގައި ރަންވީރު ފެނިގެންދާއިރު ދިޕިކާގެ ފިރިމީހާ ހޯދުމުގެ މަސައްކަތް ރަންވީރު އެހީތެރިކަން ފޯރުކޮށްދެ އެވެ.

އެކަމަކު މި ތަރިންނާ އެކީ އާންމުކުރި ވީޑިއޯ އެއްވެސް ހަގީގަތެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ފަހަރުގައި މިއީ އިންޑިއާގެ ކުށުގެ ވެއްޓަށް ބިނާކޮށް ހަދާ ވެބް ސީރީޒެއް ނުވަތަ ޓީވީ ޝޯއެއްގެ ޕްރޮމޯޝަނަލް ވީޑީއޯއަކަށް ވެދާނެ އެވެ.

https://www.instagram.com/p/CuL0-cMoj_b/?hl=en

މިއިން ރަންވީރާއި ދީޕިކާ ފެންނާތީ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ކިހިނެއްވާން އުޅޭ ކަމެއްތޯ ބަލަން ކެތްމަދުވެފަ އެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރޭގައި "ރާމް-ލީލާ"، "ބަޖިރާއޯ މަސްތާނީ"، "ޕަދުމާވަތު" އަދި "83" ހިމެނެ އެވެ.

ރަންވީރު ދެން ފެނިގެންދާނީ ކަރަން ޖޯހަރު ޑައިރެކްޓްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ. މީގެ އިތުރުން އާލިއާ ބަޓް، ދަރުމެންދްރާ، ޝަބާނާ އަޒްމީ އަދި ޖަޔާ ބައްޗަން ވެސް ފެނިގެންދާނެ އެވެ. އެއީ ޖުލައި 28 ވަނަ ދުވަހު ރިލީޒްކުރާ ފިލްމެކެވެ.

އެންމެ ފަހުން ދީޕިކާ ފެނިފައިވަނީ ޖެނުއަރީ މަހު "ޕަތާން" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރޭގައި "ފައިޓާ" އާއި "ޕްރޮޖެކްޓް ކޭ" ފަދަ ފިލްމުތައް ހިމެނެ އެވެ.