ޕީޕިއެމް ޕީއެންސީން ކުރިއަށްގެންދާ ހަރަކާތްތަކަކީ ވަކިބަޔަކު ބޭނުންވީމާ ނުވަތަ ވަކިބަޔަކާ އެކު މަޝްވަރާކުރަމުންދާތީ ހުއްޓަލަންޖެހޭ ހަރަކާތްތަކެއް ނޫން ކަމަށް އިދިކޮޅި ޕީޕީއެމް ކޯލިޝަން ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕީއެންސީ އާއި ރައީސް މުަހއްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިނތިހާބުގައި މަސައްކަތް ކުރުމަށް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް ހަރަކާތް ހުއްޓަލުމަށް ދަ ޑިމޮކްރެޓްސް އިން އެދިފައިވާތީ އެވެ. ރައީސް ނަޝީދު ވަނީ މީގެ ކުރިން ޕީޕީއެމް އިން ކުރިއަށް ގެންދާ "އިންޑިއާއައުޓް" ހަރަކާތަށް ފާޑުވިދާޅުވެފަ އެވެ.

ޕީޕީއެމްއާއި ޑިމޮކްރެޓްސްގެ މަޝްވަރާތައް ފަށާފައިވާ އިރު ޑިމޮކްރެޓްސްގެ މުއައްސިސް ހަސަން ލަތީފް ވަނީ ރާއްޖެއިން ގާތް ގުޅުން ބާއްވަމުން އަންނަ ގައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތް ތަކަށް ތާއިދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ހުއްޓަލުމަށްވެސް ހަސަން ލަތީފް އެދިވަޑައިގެންފައިވެ އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ހަރަކާތުގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީން ޑިމޮކްރެޓްސް އާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނީ ރައީސް ޔާމީންގެ އިރުޝަދުގެ ދަށުން ކަމަށެވެ. އަދި އެމަޝްވަރަތަކަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅެގޮތަކުން ނޫން ކަމާށަ މަޝްވަރާތަކަކީ ގައުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ހައްލު ކުރުމަށް ކުރިއަށްގެންދާ މަޝްވަރާތަކެއް ކަމަށެވެ.

އަދި އެމަސައްކަތް ކުރުމަށް އެކުގައި ތިބި ބަޔަކާއި އެކު މަސައްކަތް ކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެޖެންޑާ ސެޓުކުރާ ބަޔަކީ އަޅުގަނޑުމެން ރައީސް ޔާމީންގެ ލަފަޔާ އެކު އިންޑިއާ އައުޓް ވިޔަސް ހުއްޓަލާނީ އެބޭފުޅުން (ޑިމޮކްރެޓްސް) ވަކިގޮތަކަށް ވިދާޅުވީމާ އެއީ އަދި އަޅުގަނޑުމެން ކުރިއަށްގެންދާ ހަރަކާތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޑިމޮކްރެޓްސް އާ އެކު ކުރިއަށް ގެންދަނީ ގައުމީ މައްސަލަތަކުގައި ހުރި ކަންބޮޑުވުންތައް ކަމަށެވެ. އަދި އެއްވެސް ބަޔަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ޕީޕީއެމް ޕީއެންސީ އިން ނުގެންގުޅޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނާއެކު ދަ ޑިމޮކްރެޓްސް އިން އެކުގައި މަސައްކަތް ކުރަން ފަށާފައި ވާއިރު މިސަރުކާރު ބަދަލުކުރުމަށް ދޫ ދޭން ހުރި ކަންތައްތަކުގައި ދޫ ދޭނެ ކަމަށް ދެ ޕާޓިންވެސް މީގެ ކުރިން ބުނެފައިވެއެވެ.