ފައިސާ ދިނުމުން ނޫސްވެރިން ސުވާލުކުރާކަމަށް ބުނެ ނޫސްވެރިންނަށް ރިޝްވަތުގެ ތުހުމަތުކޮށް ދެއްކި ވާހަކަތަކަށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މާފަށް އެދިވަޑައިގެންފި އެވެ.
ދަ ޑިމޮކްރެޓްސް އާއި އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް އަންނަނީ މަޝްވަރަތައް ބައްވަމުންނެވެ. އަދި އެމަޝްވަރާތަކަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ވެސް ބާއްވަ އެވެ.
އެގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ތިން ވަނަ މަޝްވަރާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލުތަކާ ގުޅިގެން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އަމްރުއާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވަނީ ރައީސް އޮފީހުން ބުނާގޮތަށް، ފައިސާއަށް ސުވާލުކުރާކަމުގެ ތުހުމަތު ބައެއް ނޫސްވެރިންގެ ބޮލުގައި އަޅުވާފަ އެވެ.
އެކަމާ ގުޅިގެން އަމްރު ވަނީ އެކަމަށްޓަކާ މާފަށް އެދިފަ އެވެ.
އަމްރު ވިދާޅުވީ ފުރިހަމަ ނޫސްވެރިކަމެއް އޮތުމަކީ ސަރުކާރުގައި ހިނގާ ކޮރަޕްޝަނާއި ނޭދެވޭ ހުރިހާ ކަމެއް ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއްބާރު ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި މީޑިއާތަކަށް ފައިސާގެ މިނިވަންކަން ލިބެންޖެހޭ ކަމަށް އަމްރު ވިދާޅުވި އެވެ.
"އަޅުގަނޑު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިވަން ނޫސްވެރިކަމުގެ މުހިންމު ކަމުގެ ވާހަކަދެއްކިން. އަޅުގަނޑުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ބޭފުޅުން ހިތްހަމަނުޖެހުން ފާޅުކުރި. އެ ވާހަކަ އެމޭރުމުން ގެންދެވުނު ކަމަށްޓަކާ ނިހާޔަތަށް މާފަށް އެދެން،" އޭނާ ވިދާޅުވި އެވެ.
އަމްރު އިތުރަށް ވިދާޅުވީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެކަންވުމަށް ގާނޫނަކުން ބާރުލިބިގެން ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭ އުސޫލުން މީޑިއާއަށް ވެސް ގާނޫނަކުން ބާރުލިބިގެން ފައިސާ ލިބުމުން ސަރުކާރެއްގަ އޭރަކު ތިބޭ ބައެއްގެ ރުހުން ހޯދަން ނުޖެހި މިނިވަންކަމާއެކު ނޫސްވެރިކަންކުރުމުގެ ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު އާއި ސުޖާއު ވެސް ހިތްހަމަނުޖެހުނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރަން ފެށުމުންނެވެ. އަދި ޕީޕީއެމްއިން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހުއްޓަލާނަންތޯ އާއި އެ ހަރަކާތް ހުއްޓަ ނުލައިފިނަމަ ޑިމޮކްރެޓްސް އިން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވާނަންތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުންނެވެ.
އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އެކަމުގެ ހެކި ދެއްކުމަށް ވެސް ނޫސްވެރިން އެދުނެވެ.