ބޮލީވުޑްގެ ޒުވާން ބަތަލާ ކްރިތީ ސަނޮން އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދިކަން އިއުލާނުކޮށްފި އެވެ.

"ބްލޫ ބަޓަރފްލައި ފިލްމްސް" ގެ ނަމުގައި އުފެއްދި މި ޕްރޮޑަކްޝަން ހައުސްއަކީ، ކްރިތީގެ ކޮއްކޮ ނުޕުރު ސިންގްއާ ދެ މީހުން ހިއްސާވާ ކުންފުންޏެކެވެ.

2014 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކްރިތީ އިންސްޓްގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ފިލްމީ ދާއިރާ އަށް ނުކުތްތާ މިހާރު ނުވަ އަހަރުވީ ކަމަށާއި މަޑުމަޑުން ފަހަރަކު ހަރުފަތެއް ގިރާކުރަމުން ގޮސް އަނެއްކާ ވެސް މި ދާއިރާގެ ތެރެއިން އާ ދަތުރެއް ފަށަނީ ކަމަށެވެ. އަދި ފިލްމީ މަސައްކަތް އޭނަ ކުރަނީ ވަރަށް ލޯބިން ކަމަށާއި އަމިއްލަ ޕްރޮޑަކްޝަން ހައުސްއާ އެކީ އޭގެ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށްވެސް ކްރިތީ ބުންޏެވެ.

އުމުރުން 32 އަހަރު ބަތަލާ ކްރިތީ ބުނީ އޭނާގެ އަމިއްލަ ކުންފުނިން ވަރަށް އަވަހަށް ފިލްމެއްގެ މަސައްކަތް ފެށުމަށްވެސް ނިންމާފައިވާ ކަމަށެވެ.

https://www.instagram.com/p/CuRvw89t7GI/

ކްރިތީ އެންމެ ފަހުން ފެނިގެންދިޔައީ ޖޫން މަހު ރިލީޒްކުރި "އަދިޕުރުޝް" އެވެ. މިފިލްމުގައި ކްރިތީގެ އިތުރުން ފެނިގެންދާނީ ޕްރަބާސް އާއި ސައިފް އަލީ ހާން އެވެ.

ކްރިތީ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހިދު ކަޕޫރާއި އެކު ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމަކާއި ޓައިގާ ޝްރޮފްގެ "ގަނަޕަތު: ޕާޓް 1" އާއި ކަރީނާ ކަޕޫރާއި ތައްބޫއާ އެކީ ކުޅޭ "ދަ ކްރޫ" ހިމެނެ އެވެ. "ދަ ކްރޫ" އަންނަ އަހަރު މާޗު 22 ގައި ސިނަމާތަކުގައި އަޅުވަން ވަނީ ނިންމާފަ އެވެ.