އަމީނީ މަގުގައި ގަވައިދާ ހިލާފަށް، ޕާކުކޮށްފައި ހުރި އުޅަނދުފަހަރު އަންނަ އާދީއްތަ ދުވަހުން ފެށިގެން ނަގަން ފަށާނެ ކަމަށް، ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ އަމީނީމަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި ހިނގާ ބިނގާވާ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

"އެހެންކަމުން 2023 ޖުލައި 6 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ބެލުމަށްފަހު، އަމީނީމަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ ވެހިކަލްތައް ނަގާއިރު ދިމާވާ ގެއްލުންތަކަށް ޒިންމާ ނުވާނެ ކަމަށެވެ.