ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން އަކަށް ހަސަން ލަތީފް އިންތިހާބުކޮށްފި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ރޭ 9:00 ގައި ގިޔާސުއްދީން ސުކޫލް ހޯލުގައި ވަނީ ބައްވާފަ އެވެ. އެޖަލްސާ އަސް ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ޖަލްސާގައި ޕީޕީއެމް ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އަދި އެމްއެންޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

ޑިމޮކްރެޓްސްގެ ޖަލްސަގައި ޖުމްލަ 611 މެމްބަރުން ބައިވެރިވި އެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ޗެއާ ޕާށަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރަގެ މެމްބަރު އީވާ އެވެ. އެނަމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ.

ނައިބު ޗެއާ ޕާސަންގެ ގޮތުގައި އިންތިހާބުވީ މުހައްމަދު ބަޝީރު، މުހައްމަދު އަންސަރު، އަދި ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ކުރީގެ ރައީސް އަފްޝަން ލަތީފް އެވެ.

އެބޭފުޅުންގެ ނަންތައް ފާސް ކުރެއްވުމަށް ވޯޓުގައި ބައިވެރިވި 355 މެމްބަރުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް ދެ މެމްބަރުން ވޯޓު ދެއްވި އެވެ.

މިރޭ ވަނީ ޑިމޮކްރެޓްސްގެ ކުލައާއި ލޯގޯ އަދި ޕާޓީގެ ނަން ދަ ޑިމޮކްރެޓްސް ނަމުގައި ފާސްކޮށްފަ އެވެ.

ޕާޓީގެ ދިދާގައި ހިމެނެނީ ނޫ ކުލަ އާއި ޕާޓީގެ ލޯގޯ އެވެ.