މާލެއިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ކަމަށްވާ "ރިކާޑޯ" އަޑިޔަށް ދިޔައީ އެ އަތޮޅުގެ ސިއްހީ މަރުކަޒުތައް ޑިޖިޓަލައިޒްކުރަން ބޭނުންވާ ސާމާނުތަކާއެކު ކަން ހާމަވެއްޖެ އެވެ.

މާލެއިން ފުރައިގެން މަހިބަދޫއަށް ދަތުރުކުރަމުން ދަނިކޮށް ވިއްސާރަވެ ރިކާޑޯ ދޯނި ދިޔަވާތީ އެކަމުގެ ރިޕޯޓު ކޯސްޓްގާޑަށް ކުރީ ރޭ 6:50 ހާއިރު އެވެ. އެ ދޯނި އަޑިއަށް ދިޔައީ މާލެ އަތޮޅާއި އަރިއަތޮޅާއި ދެމެދު އޮންނަ އަލިހުރަސް ކަނޑުން ދަތުރުކުރަނިކޮށެވެ. ދޯނީގައި ތިބި މީހުން ސަލާމަތް ކުރެވުނަސް މުދާ ސަލާމަތެއް ނުކުރެވެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަސް ރީޖަނަލް ހޮސްޕިޓަލަކާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް ހެލްތް މިނިސްޓްރީން ހަވާލުކުރި އައިޓީ ސާމާނުގެ ތެރެއިން އދ. އަތޮޅުގެ ހުރިހާ ރަށަކަށް ފޮނުވި ސާމާނު، އެ ދޯނީގައި ހުއްޓެވެ.

މަހިބަދޫ ހޮސްޕިޓަލްގެ އޮފިޝަލަކު ބުނި ގޮތުގައި އެ ދޯނީގައި 500،000ރ. ގެ ސާމާނު ހުންނާނެކަމަށެވެ. އެއީ، އެ ހޮސްޕިޓަލާއެކު އަތޮޅުގެ ޖުމްލަ 10 ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރިންޓަރާއި އައިޕެޑް އަދި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ފަދަ ތަކެއްޗެވެ.

ރިކާޑޯ ރޭ އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާއިރު އެދޯނިން ދަތުރުކުރި 8 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.