ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ އެ ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެ އެވެ.
މަންޑޭ ހައްޔަރުކޮށްފައި މިވަނީ އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު އަމުރެއް ކޮށްފައި ވަނިކޮށެވެ.
މަންޑޭގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ހިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޖިން ޝިހޫ އެވެ. މައިނޯރިޓީ ހިއްސާދާރަކީ މަމްދޫހު އެވެ. އެއީ ފަސް ޕަސެންޓް ހިއްސާ އެވެ.