ދިހަ ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ މަހު ބާއްވަން ނިންމައި، ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ބުނީ މިފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.

ދިވެހި ފިލްމު އެވޯޑްސް 10 ގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އެންސީއޭއިން ބުނެ އެވެ.

އެންސީއޭއިން ބުނީ ދިވެހި ފިލްމީ ދާއިރާއިންދޭ އެންމެ ހާއްސަ އެވޯޑްސް ހަފްލާ އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ.

މިއީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ދެމުން އަންނަ އެވޯޑެކެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2017-2018 އަށް ރިލީޒްކުރި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން 12 ފީޗާ ފިލްމު އެވޯޑަށް ވާދަކުރި އެވެ. ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ޖުމްލަ ހަތް އެވޯޑާ އެކު ހޮވިފައިވަނީ ޔާރާ ޕްރޮޑަކްޝަންގެ "ވިޝްކާ" އެވެ. އަދި ، އެންމެ މޮޅު ބަތަލާގެ އެވޯޑު ގެންދިޔައީ ވެސް "ވިޝްކާ" އިން އައިޝަތު ރިޝްމީ އެވެ.