އާރުޑީސީގެ އެކައުންޓުން އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ޖަމާ ކޮށްފައިވާ 13.8 މިލިއަން ރުފިޔާ އަކީ 2019 ވަނަ އަހަރުން ފެށިގެން ޕެޓީ ކޭޝްގެ ގޮތުގައި ޖަމާކުރި ފައިސާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އާރުޑީސީ އާ ގުޅޭ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އާރުޑީސީ އިން ގެއްލުނު 13.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވަނީ ޔާސިރު ހަސަންގެ އެކައުންޓަށެވެ. އަދި އޭނާގެ އެކައުންޓުން ކުންފުނީގެ އެހެން މުވައްޒަފުންގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ޔާސިރު ވިދާޅުވީ އޭނާގެ އެކައުންޓަށް ކުންފުނީގެ މުސާރަ ފިޔަވާ ކުންފުނިން އެއްވެސް ފައިސާ އެއް ޖަމާނުކުރާ ކަމަށެވެ.

ޔާސިރު ވިދާޅުވީ ގެއްލިގެން މީޑިއާތަކުގައި ރިޕޯޓު ކުރާ 13.8 މިލިއަން ރުފިޔާ އަކީ އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ވަގުތުން ގަތުމަށް 2019 ވަނަ އަހަރުން ފެށިގެން ޕެޓީ ކޭޝްގެ ގޮތުގައި އެ މުވައްޒަފުންނަށް ފޮނުވާ ފައިސާ ކަމަށެވެ.

އާރުޑިސީ އިންވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުންޏަކީ ގަވާއިދުން އޮޑިޓް ކުރަމުންގެންދާ ކުންފުންޏެއް ކަމަށާއި މިހާރުވެސް އޮޑިޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ކުންފުނީގެ ފައިނޭޝަލް ޕޮލިސީއާ ހިލާފަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެފަދަ މައްސަލައެއް ވެސް ފާހަގަ ވެފައިނުވާ ކަމަށް އެކުންފުނިން ބުނެ އެވެ.