މިދިޔަ ހޮނިހިރު ފުވައްމުލަކު "މާނޭރެ" ނެރަށް ކުއްޖަކު ވެއްޓި މަރުވިއިރު، އެ ނެރު ބަންދުކޮށްދޭން އެދި ފުވައްމުލަކު ސިޓީ ކައުންސިލުން ނެޝަނަލް ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ބުނެފި އެވެ.

އެރަށު ސިޓީ ކައުންސިލްގެ އިސް އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ ފުވައްމުލަކު ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަންދުކޮށްދޭން އެދި ނެޝަނަލް ޕްލޭނިން މިނިސްޓްރީއަށް މިދިޔަ ސެޕްޓެމްބަރު 22 ގައި ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ.

"ނަމަވެސް މިހާތަނަށް އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުދޭ. މިކަން ވަރަށް ފަސޭހައިން ކުރެވެން އޮތްކަން އެނގޭތީ އަޅުގަނޑުމެން އެކަމަށް އެދުނީ،" ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ. "މިކަން ނުވެ އޮތްވައި އެ ނެރަށް ވެއްޓުނު ކުއްޖަކު އޮޔާ ބޭރަށް ގޮސް ގެނބިގެން މަރުވީ ވެސް."

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ފޮނުވި ސިޓީގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.

ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ސޮއިކުރައްވައި ފޮނުވި ސިޓީގައި ވަނީ ފުވައްމުލަކުގައި ބަނދަރެއް ހެދުމުކުރިން ބޭނުންކުރި 8 ނެރު، ބަނދަރު ހެދުމާއެކު ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެ ނެރުތައް ބަންދުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2011 ވަނަ އަހަރު އިރުމަތީ ފަރާތު ހަތަރު ނެރެއް ބަންދުކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ސިޓީ ކައުންސިލުން އެ ނެރުތައް ބަންދުކޮށްދޭން އެދިފައި އޮތީ އެ ނެރުތަކުން ގިނަ އަދަދަކަށް ވެއްޔާއި ގާ މާކަނޑަށް ބޭރުވަމުންދާތީ އެކަން ހައްލުކޮށް، ރަށް ގިރުން ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން ހަތަރު ނެރެއް ބަންދުކުރުމުން އެ ކަމުގެ ނަތީޖާ ރަނގަޅު ކަމަށް ވެސް އެ ސިޓީގައި ލިރާރު ވިދާޅުވެފައިވެ އެވެ.

"މިކަމަކީ ބޮޑު ހިލަ ނުވަތަ ޓެޓްރާޕޮޑް ގަލާއި ހެވީ ވެހިކަލް ބޭނުންކޮށްގެން ކުރެވޭނެ މަސައްކަތެއްކަމުން އެމްޓީސީސީގެ ބޮޑު ޕްރޮޖެކްޓްތަކެއް މިރަށުގައި ހިނގަމުންދާތީ މި ދުވަސްވަރު މި ނެރު ބައްދާލެވޭނެ ގޮތެއް ވެއްޖެ ނަމަ ކުޑަ ޚަރަދަކުން މިކަން ކުރެވިދާނެ އެވެ." އެ ސިޓީގައި އޭނާ ވިދާޅުވެފައިވެ އެވެ.

މިކަމާ ބެހޭ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މާނޭރެ ނެރަށް 17 އަހަރުގެ ކުއްޖަކު ވެއްޓި ގެނބިގެން މަރުވުމާއެކު އެ ނެރު ބަންދުކޮށް ދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރަން އެ ރަށުގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ.