ދިވެހީންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހިބަސް ދިރުވައި އާލާ ކުރުމަށް ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިލްތިމާސް ކުރެއްވީ ރާއްޖޭގައި މިއަދު ފަހަގަކުރަމުން އަންނަ ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެންނެވެ.

ރައީސް ސޯލިހު ލިޔުންތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓް އެއްގައި ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ބަހަކީ ދިވެހީންގެ ތަރިކައެއް ކަމަށާ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރަންޖެހޭ ކަމަށެވެ.އަދި ދިވެހިބަސް އާލާކުރުމަށްޓަކާ، ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހި ބަސް ދިރުވައި އާލާކުރުމަށް ކުޑަކުދިންނާ ޒުވާނުން ދިވެހި ބަހަށް ޝައުޤުވެރި ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ ޖުލައި މަހެއްގެ 8 ވަނަ ދުވަހު އެވެ. ލިޔުންތެރިންގެ ދުވަސް ޖުލައި 8 ގައި ފާހަގަ ކުރަނީ ރާއްޖޭގައި އެންމެ ފުރަތަމަ ނޫހެއްގެ ސިފާގައި ނެރުނު "އަލް އިސްލާހް" މަޖައްލާ ނެރުނު ދުވަހާ ދިމާކޮށެވެ. އެއީ ޖުލައި 8 1933 ގައެވެ.