ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓައިންމަންޓުގެ ކުރިއަށް އޮތް ފިލުމު 'ފުރޭތަ"ގެ ޓްރެއިލާ މިމަހުގެ 17 ގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ ސްޓޫޑިއޯ އިން ބުނީ މިފިލްމުގެ ރަސްމީ ޓަރެއިލާ މިމަހުގެ 17 ގައި ރިލީޒް ކުރި ނަމަވެސް މިފިލްމު ރިލީޒްކުރާނެ ތާރިހެއް އަދި ފަހުން ހާމަކުރާނެ ކަމަށެވެ.

ސަބަބަކީ އޮލިމްޕަހުގައި މިވަގުތު ފުލުފުލުގައި އަޅުވަން ތާވަލް ކޮށްފައި އޮތުމުން ކަމަށެވެ.

މި ފިލްމަކީ އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ޗިއްޕެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާ ނެޓުން ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ޑާކްރެއިނުން ބުނީ މި ފިލްމަކީ 18 އަހަރުން މަތީގެ މީހުންނަށް ތައްޔާރު ކޮށްފައިވާ ފިލްމެއް ކަމަށާއި މި ފިލްމަކީ ރިވެންޖް ތްރިލާ އެއް ކަމަށެވެ.

https://www.youtube.com/watch?v=12FgzHxg5Ds

ޑާކް ރެއިނުން މި އަހަރި ބެލުންތެރިންނަށް ގެނެސްދިން ފުރަތަމަ ފިލްމަކީ ފެބްރުއަރީ 6 ގައި އޮލިމްޕަހުގައި އެޅުވި "ބީވީމާ" އެވެ. އެ ސްޓޫޑިއޯގެ ބިރުވެރި ފިލްމު "ބަޅިނދު" މިހާރު އޮތީ މި އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރާ ގޮތަށް ނިންމާފަ އެވެ.

ޑާކް ރެއިންގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ނޮވެމްބަރު" އަދި "ކައިވެނީގެ އަމާޒު" ހިމެނެ އެވެ.