ކެންސަރު ބައްޔާއި ގުޅިގެން ރާއްޖެއިން ބޭރުން އެންމެ ގިނައިން ހަދަން ޖެހޭ "ޕެޓްް ސްކޭން"ގެ ހިދުމަތް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފެށުމަށް ބޭނުންވާ މެޝިނަރީ ގެނައުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އެސްޓީއޯއާއި ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ އައިޖީއެމްއެޗްގައި ޕެޓް ސްކޭންގެ ހިދުމަތް ފެށުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދުމަށް އެކަަމަށް އާއްމުންނާއި، ސަރުކާރުން ކުރަމުން އައި ބޮޑު ހޭދަ ކުޑަކުރުންކަމަށެވެ.

އެގޮތުން ޕެޓް ސްކޭން މެޝިނާއި، އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮތް ހެލްތާއި، އައިޖީއެމްއެޗް އަދި އެސްޓީއޯއާއި ދެމެދު މިވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުން ހަދާފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި، މިކަމާއި ގުޅޭ ވަސީލަތްތައް ގެނެސް ހިދުމަތަށް ތައްޔާރުވުމަށް ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޕެޓް ސްކޭން ހެދުމަށް އާސަންދައިން ކޮންމެ އަހަރަކު ވެސް 1،000 އެއްހާ މީހުން ބޭރަށް ފޮނުވާ ކަމަށެވެ. އެހެންވެ، އެ ހިދުމަތް ރާއްޖޭގައި ފެށުމަކީ ގިނަ ބަޔަކަށް ލުޔެއް ލިބޭނެ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.