ވޮޝިންޓަން (13 ޖެނުއަރީ) - އެމެރިކާއަށް އެތެރެވާ ހުރިހާ އިންޓަނޭޝަނަލް ފަސިންޖަރުން ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވްވި ކަމުގެ ނަތީޖާ އޮންނަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސިސް ކޮންޓްރޯލް އެންޑް ޕްރިންވެންޝަން (ސީޑީސީ) އިން ނެރުނު ޕޮލިސީއެއްގައި ބުނާގޮތުން އެ ގައުމަށް އެތެރެވޭ ހުރިހާ އިންޓަނޭޝަނަލް ފަސިންޖަރުންނަށް ކޮވިޑް ނެގެޓިވް ޓެސްޓް ނަތީޖާއާ ނުލައި މީގެ ފަހުން އެތެރެވުމުގެ ހުއްދަ ނުދޭނެ އެވެ.

ސީޑީސީގެ ޑައިރެކްޓަރު ޑރ. ރޮބާޓް ރެޑްފީލްޑް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަކުން ހުރިހާ ނުރައްކަލަކުން ސަލާމަތްނުވާ ކަމަށެވެ. ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމަށާއި އިޖްތިމާއީ ގައިދުރުކަމާއި، މާސްކް އެޅުން އަދި ސާފްތާހިރުކަމަށް އިސްކަން ދިނުން ފަދަ ކަންކަމަން މިބަލިން ސަލާމަތްވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަށް ދަތުރުކުރާ ފަސިންޖަރުން ކޮވިޑަށް ޓެސްޓް ކޮށް ނެޖެޓިވްވިކަމުގެ ތިން ދުވަސްނުވާ ނަތީއްޖާގެ ލިޔުން އެއާލައިންތަކަށް ދައްކަން ޖެހޭނެކަން ބަޔާންކޮށްފައިވެ އެވެ. އަދި މިގޮތަށް ލިޔުން ނެތް ފަސިންޖަރުން ނުގެނައުމަށް އެއާލައިންތަކަށް ވެސް އަންގާފައިވެ އެވެ.

ސީޑީސީން ބުނީ ކޮވިޑް ވެކްސިން ޖަހާފައި ހުރި މީހަކު ވެސް ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ދައްކަންވާނެ އެވެ. ވެކްސިން ޖެހުމަކުން ކޮވިޑް ފެތުރުން ހުއްޓޭކަމަށް އަދި ޔަގީންކުރެވިފައި ނުވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

ބުދަ ދުވަހުގެ ނިޔަލަށް އެމެރިކާގައި 22 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑަށް ފޮޒިޓިވްވެފައިވެ އެވެ. އަދި މި ރޯގާގައި 375،000 މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވާސިޓީން ބުންޏެވެ. -ސީބީއެސް ނިއުސް