ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ނީނާ"ގެ ރަސްމީ ޓްރެއިލާ އަންނަ ހޮނިހިރު ދުވަހު ރިލީޒް ކުރުމަށް ނިންމައިފި އެވެ.

އަންނަ މަހު ހައެއްގައި އޮލިމްޕަހުގައި ރިލީޒްކުރާ މިފިލްމަކީ އައި ފިލްމްސް ޕްރޮޑިއުސްކޮށް، އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މި އަހަރުގެ އެންމެ އުންމީދީ ދިވެހި ފިލްމުތަކުގެ ތެރޭގައި "ނީނާ" ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ 2019 ވަނަ އަހަރު އިއްލެ ގެނެސްދިން ކާމިޔާބު ފިލްމު "ބަވަތި"ގައިވެސް މޮޅު އެކްޓިންއެއް ދެއްކި އަދި ފިލްމީ ދާއިރާގެ އެންމެ އުންމީދީ އެއް ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. ނުޒޫގެ އިތުރުން މިފިލްމުގައި ފެނިގެންދާނީ މިހާރު ކުރިއަރަމުން އަންނަ އެކްޓަރުޝަރަފު އަބްދުﷲ، މަރިޔަމް ޝަކީލާ، ހަމްދޫން ފާރޫގް، ނަތާޝާ ޖަލީލު އަދި ކުރީގެ ބަތަލާ މަރިޔަމް ރަޝީދާ އެވެ. ހމި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ ލ. އަތޮޅުގަ އެވެ.

މިފިލްމުގައި ނުޒޫ ތިން ގޮތަކަށް ފެނިގެންދާއިރު މި ފިލްމަށް އޭނާ ވަނީ މާޝަލް އާޓްސް ވެސް ދަސްކޮށްފަ އެވެ.

https://www.youtube.com/watch?v=vblBVa48KJs

މިހަފްތާ ބަންދުގައި ޓްރެއިލާ ބެލުންތެރިންނަށް ފެނިގެންދާއިރު މިފިލްމުގައި ގިނަ އެކްޝަން ސީކުއެންސްތަކާއެކު ތަފާތު މަންޒަރުތަކެއް ފެނިގެންދާނެ އެވެ. އަދި މިފިލްމުގެ ޕްރޮމޯޝަން ލަވަވެސް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު ބޮޑު ތަރުހީބެއް ވަނީ އެލަވައަށް ލިބިގެންގޮސްފަ އެވެ.

"ނީނާ" ފިލްމަކީ ހިއްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. އެއީ ރުޅިގަދަ އެހެންނަމަވެސް އިންސާފަށް ލޯބިކުރާ މީހެއްގެ ބައި ފެނިގެންދާ ފިލްމެކެވެ.

"ނީނާ" ގެ ޓްރެއިލާ 15 ގައި އާންމުންނަށް ދޫކޮށްލާ އިރު، ފިލްމުގެ ދެ ޓީޒާއަކާއި ޕްރޮމޯޝަނަލް ލަވަ އޮތީ ކުރިން ދައްކާލައިފަ އެވެ.