ފުލުހުން ތަހުގީގު ކުރަމުން އަންނަ ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރުޑީސީގެ މައްސަލަ ނުބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެންގެވި ކަމަށް ދެކެވޭ ވާހަކަ ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

އާރުޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް އެއިދާރާއިން މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.

ނަމަވެސް އެއީ އާރުޑީސީގެ އެކައުންޓުން ގެއްލުނު ކަމަށް ބުނާ 13.8 މިލިއަން ރުފިޔާގެ މައްސަލަ ކަމަށް މައުލޫމާތު ލިބެ އެވެ.

އާރުޑީސީއާ ގުޅޭ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައި ވަނިކޮށް އެމައްސަލަ ކުރިއަށް ނުގެންގޮސް މައްސަލަ ތަހުގީގު ނުކުރުމަސް ރައީސް ސޯލިހު އަންގާފައިވާ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އަދި ބައެއް ނޫސްތަކުގައި ވެސް އެގޮތަށް ރިޕޯޓު ކޮށްފައިވެ އެވެ.

ނޫސްތަކުގައި އެގޮތަށް ރިޕޯޓު ކުރަމުން ދަނީ ފުލުހުންގެ އިސްވެރިންގެ ފަރާތުން ލިބުނު މައުލޫމާތުތަކެއް ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ތަހުގީގުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާރުޑިސީގެ އެކައުންޓުން ގެއްލުނު 13.8 މިލިއަން ރުފިޔާ ޖަމާ ކޮށްފައި ވަނީ އެކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު ޔާސިރު ހަސަންގެ އެކައުންޓަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

މީޑިއާތަކުގައި ރިޕޯޓު ކުރާ 13.8 މިލިއަން ރުފިޔާ އަކީ އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ވަގުތުން ގަތުމަށް 2019 ވަނަ އަހަރުން ފެށިގެން ޕެޓީ ކޭޝްގެ ގޮތުގައި އެ މުވައްޒަފުންނަށް ފޮނުވާ ފައިސާ ކަމަށް ޔާސިރު ވިދާޅުވެފައިވެ އެވެ.

އާރުޑީސީ އިންވެސް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އާރުޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެކުންފުންޏަކީ ގަވާއިދުން އޮޑިޓް ކުރަމުންގެންދާ ކުންފުންޏެއް ކަމަށާއި މިހާރުވެސް އޮޑިޓް ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ކުންފުނީގެ ފައިނޭޝަލް ޕޮލިސީއާ ހިލާފަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުވަތަ އެފަދަ މައްސަލައެއް ވެސް ފާހަގަ ވެފައިނުވާ ކަމަށް އެކުންފުނިން ބުނެ އެވެ.

ޔާސިރުއަކީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުގެ ޅިޔަނެވެ.