ކ. ގުރައިދޫ ރައްޔިތުނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިއްކާފައިވާ ބިމުން އެރަށު ކައުންސިލުން ރައްޔިތުންނަށް ގޯތި ދޫނުކުރެވޭ ނަމަ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހަބުގެ ކެމްޕެއިން ދަތުރުފުޅުގައި ރައީސް ޞާލިހު މިއަދު ވަނީ ގުރައިދޫ އަށް ވަޑައިގެންފަ އެވެ. ގުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގުރައިދޫ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބޯހިޔަވަހިކަމުގެ ދަތިކަން ކަމަށް ވިދާޅުވި އެވެ. ރައްޔިތުންނަށް ބޯހިޔަވަހިކަމުގެ ދަތިތައް ހައްލު ކޮށްދިނުމަށް ހިއްކާފައިވާ ބިމުން ކައުންސިލުން ގޯތި ދިނުން ފަސްކުރަމުންދާކަމުގެ ޝަކުވާ ލިބިވަދައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ވަނީ ގޯތި ދިނުމަށް ކައުންސިލަށް ދީފައިވާ ބާރު ނަންގަވާނެކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އޮންނަ ގޮތުން ރަށްރަށުން ގޯތި ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލަށް ކަމުގައި ވިޔަސް ގުރައިދޫގައި އެކަން އެގޮތަށް ނުހިނގާކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އެކަން އެގޮތަށް ހިނގާނަމަ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެކަން ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް މި ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން، ސަރުކާރު އޮތީ ރައްޔިތުންގެ ބޭނުންތަކަށް ހުރަސް އަޅާ ބަޔަކަށް ފުރުސަތު ދޭނެ ގޮތަށް ނޫން" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ ގުރައިދޫ ދާއިރާއިން އެމަނިކުފަނަށް ފުރިހަމަ އަގުލަބިއްޔަތު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށާ ގުރައިދޫ ދާއިރާ އެއްކޮށް "ރީންދޫ" ވެފައި އޮތުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.