2018 ގެ ރިޔާސި އިންތިހާބުގައި އެމްޑީޕީން ވީ ވައުދުތަކުގެ 90 އިންސައްތަ ވައުދު ފުއްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހަބުގެ ކެމްޕެއިން ދަތުރުފުޅުގައި ރައީސް ޞާލިހު މިއަދު ވަނީ ގުރައިދޫ ދާއިރާ ހިމެނޭ ގުޅި، ގުރައިދޫ މާފުއްޓަށް ވަޑައިގެންފަ އެވެ. އެދަތުރުފުޅުގައި މިރޭ މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މާފުއްޓަށާއި މުޅި ރާއްޖެއަށް އެމްޑީޕީން ވީ ވައުދުތަކުގެ ތެރެއިން ނުފުއްދި ހުރީ މަދު ވައުދުތަކެއް ކަމަށެވެ. އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން 90 އިންސައްތަ ވައުދު ފުއްދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ވައުދުތައް ފުއްދަމުންދާއިރު ދަތިތަކާ ކުރިމަތިވި، އެމްޑީޕީން މިމާފުއްޓަށާއި ރާއްޖެއަށް ވީ ވައުދުތަކުގެ 90 އިންސައްތަ މަސައްކަތް ހިނގަމުން ނޫނީ ނިމިފަ ހުރީ ރިޔާސި ވައުދުގެ ތެރެއިން މާފުއްޓަށްވީ ހުރިހާ މަސައްކަތެއް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފަ ވަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާފުއްޓަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ މާފުށީ ބިން އިތުރު ކުރުން ކަމަށާއި މާފުށީގެ ބިން އިތުރު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އިތުރު ކުރި ބިމާއެކު ވަކީން ޕިކްނިކް އައިލެންޑް އެއޮތީ ނިމިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ޕިކްނިކް އައިލޭންޑް މާފުށީ ކައުންސިލާ ހަވާލު ކުރުމުގެ މަސައްކަތް ފަށަފައިވާ ކަމަށެވެ. އަދި މިހާރު އޮތް ބަނދަރަށްވުރެ ޖާގައިގެގޮތުން ތަނަވަސް ބަނދަރެއްގެ މަސައްކަތް އެދަނީކުރަމުން ކަމަށާ ބަނދަރުގެ މަސައްކަތް ނިމުމުން މާފުއްޓަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން މުޅިން ހައްލުވެގެންދާނެ ކަމާށް ރައީސް ވިދާޅުވި އެވެ.