ރައީސް މުހައްމަދު ނަޝިދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނީ ބަގާވާތަކުން ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) މިރޭ ވިދާޅުވެއްޖެ އެވެ.
ކ. މާފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސަގައި ވާހަކަދައްކަވަމުން މޫސަ މަނިކު ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީން ގެނައި ވެރިކަން ވެއްޓިގެން ދިޔައީ ބަގާވާތަކުންނޭ ހީވި ކަމަށެވެ. އެހެން ނަމަވެސް މިހާރު އެމަންޒަރު ބަދަލުވުމުން އެއީ ބަގާވާތެއް ނޫންކަން އެނގޭ ކަމަށް މޫސާ މަނިކު ވިދާޅުވި އެވެ.
"ރައީސް ޞޯލިހު ވެރިކަމަށް އައީމާ މި އިނގުނީ ބަގާވާތް އަންނަން މެދުވެރިވި ގޮތް. ކޮށިދަނޑު ގެއްލި މަރިޔަނބު ގެއްލޭ ހިސާބަށް ދިޔާމަ އަލިފާން ކަހަލަ ރުޅި އައިސްގެން މީހަކު ދުއްވައިގަތީމަ މި އިނގުނީ މި ވީ ގޮތް، ބަގާވާތެއް ނޫން ކަން އެއީ" މޫސަ ވިދާޅުވި އެވެ.
ދެހާސް އަށެއްގައި އެމްޑީޕީގެ ވެރިކަން ވެއްޓުނީ ބަގާވާތަކުން ނަމަ އޭރު ބަގާވާތް ކުރި އެންމެން ކޮނޑަށް ލައިގެން ރައީސް ނަޝީދު ނުހިނގާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އެމްޑިޕީން ވަކިވެވަޑައިގެން ރައީސް ނަޝީދު އިސްވެހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން ވަނީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އާއި އެކު ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ފަށައިފަ އެވެ. ޖޭޕީ އާއި ޕީޕީއެމް އަކީ އެމްޑީޕީގެ ވެރިކަން އޭރު ބަގާވާތަކުން ވައްޓާލި ދެ ޕާޓީ ކަމަށް އެމްޑީޕީން ބުނަމުން އައި ދެ ޕާޓީ އެވެ. ބަގާވާތް ކުރި މީހުންނާ އެކު ރައީސް ނަޝިދު އުޅުއްވާ ކަމަށް މޫސަ އެ ވިދާޅުވަނީ އެ ދެ ޕާޓީއާ އެކު މަޝްވަރާތައް ފަށާފައިވާތީ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ރީކޯ މޫސާ ވެސް އެމްޑީޕީ އިން ވަކިވެވަޑައިގެން ގުޅިވަޑައިގަތީ ޕީޕީއެމްއާ އެވެ. އަދި ރައީސް ޔާމީންއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކެމްޕެއިން ވެސް މޫސަ ކުރައްވާފައިވެ އެވެ.