ސެޕްޓެންބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މ. ކޮޅުފުޑި ކައިރީގައި ރިސޯޓެއް ތަރައްގީ ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު މުލަކު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދައުރުގައި ކޮޅުފުށީގައި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން ފެނުގެ ނިޒާމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އަދި ސްކޫލު މަލްޓިޕާޕަސް ހޯލު ތަރައްގީ ކުރުން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ދެ ވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ ކޮޅުފުއްޓަށް ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ގެނެސްދެއްވާނެ ކަމަށެވެ. އެގޮތުން ރަށު ކައިރީގައި ރިސޯޓެއް ތަރައްގީކޮށް ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެރަށުގައި 50 ހައުސިން ޔުނިޓް އަޅައިދާނެ ކަމަށާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހު ކޮޅުފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.. ފޮޓޯ: އެމްޑީޕީ

ރައީސް ސޯލިހު ވިދާޅުވީ ކުރީ ސަރުކާރުތަކުގެ އަމާޒަކަށްވީ ވަކިވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްޤީ ގެނައުން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ނަޒަރުގައި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އުފަން ރަށުގައި އަސާސީ ހިދުމަތްތަކާއެކު އުޅެވެން ވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން 141 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހިންގަމުން ނިންމަމުންދާ ކަމަށެވެ. ހަމައެއާއެކު 158 ރަށެއްގެ އިންޖީނުގޭގެ ޖަނަރޭޓަރު ބަދަލުކޮށް ނިމިއްޖެ ކަމަށާއި ބިން ހިއްކުމުގެ 21 މަޝްރޫއެއް މި ދައުރުގެ ތެރޭގައި ފެށި 8 މަޝްރޫއެއް ނިމި 13 މަޝްރޫގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ އެޕްރޫވްކޮށް، އޭގެ ތެރެއިން 104 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.