އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 2 ސިޓީ އަކާއި 3 އަތޮޅަކުން ދާއިރާ އިތުރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައަޅަނީ އާބަދީގެ ނިސްބަތަށް ބަލައިގެންނެވެ. އެގޮތުން ކޮންމެ 5،000 މީހުން ހިމެނޭ ނަމަ އެދާއިރާއަކަށް ވަކި މެމްބަރެއް އިންތިހާބު ކުރަންޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދާއިރާތަކަށް ބަދަލު އަންނަ ކަމަށާ ކޮންމެ ފަހަރަކުވެސް ގޮނޑި އިތުރުވާ ކަމަށެވެ. އަންނަ އަހަރުގެ މަޖިލީހަސްވެސް ގޮނޑި އިތުރުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ. އެގޮތުން 2 ސިޓީ އަކާއި 3 އަތޮޅަކަށް ގޮނޑި އިތުރުވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑީގެ އަދަދު މިމަހުގެ 27 ވަނަ ދުވަހު އިއުލާން ކުރައްވާނެ ކަމަށެވެ. މިމަހުގެ 27 އަދި އެކަމުގެ ދާއިމީ ރިޕޯޓް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހާމަ ކުރާނެ ކަމަށްވެސް ހަބީބު ވިދޅަުވި އެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ މޭމަހުގެ 30 އަށެވެ. މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެމްބަރުންނެވެ. ކޮންމެ ދައުރަކަށްފަހުވެސް މަޖިލީހާސް މެމްބަރުން އިތުރުވަމުންދާތީ އެކަން ހައްލު ކުރުމަށް 19 ވަނަ މަޖިލީހަށް ހުށަހެޅި ނަމަވެސް އެކަން ކުރިއަކަށް ނުދިޔަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުނިމެނީސް ޖަލްސާތައް ވަނީ ހުއްޓަލާފަ އެވެ. އެއީ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް އާއި ނައިބު ރައިސްގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި ގުޅިގެންނެވެ. ކޮމެޓީތައް އެކުލަވާ ނުލެވިގެން އެމައްސަލަ ކުރިއަށްދާގޮތެއް ނުވި އެވެ.