ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފްކޮށްފި އެވެ.

މަންޑޭގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިމަހުގެ 4 ވަނަ ދުވަހު އެވެ. މަންޑޭގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު އެ ކޯޓުން އަމުރުކުރީ 45 ދުވަހަށް އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ކުރީ ޒަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށެވެ.

މަންޑޭގެ ޕާސްޕޯޓު ދޫކޯށްލަން އަމުރު ކުރުމުން ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ހަފްތާ އެވެ. ހައިކޯޓުން އަދި އެމައްސަލައިގަތުމާއި މެދު ވަކި ގޮތެއް ނުނިންމަ އެވެ.

ކޭ ޕާކް ފްލެޓްތަކުގެ މައްސަލައިގައި މަންޑޭއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ހަމްބޯ ކުންފުނިން މީގެކުރިން ވަނީ ބަޔާނެއް ނެރެފަ އެވެ.

ސައުތުު ކޮރެއާގެ ހަންބޯ ކުންފުނީގެ ފަރާތުން ޖޮންގް ވޫ ކިމް ސޮއިކޮށް ނެރުނު ބަޔާނުގައި ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން މަންޑޭ ވިއްކާފައިވާ ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނުގައި ވަނީ އެތައް ބަޔަކަށް ނުއަގުގައި ފްލެޓް ވިއްކާފައިވާ ކަމަށެވެ. އަދި ނުއަގުގައި އެތައް ބަޔަކަށް ފްލެޓް ވިއްކާފައިވާއިރު، ގަނެ ވިއްކުމުގެ އެއްބަސްވުމުގައި މަންޑޭ ސޮއިކޮށްފައި ވަނީ ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން ޖައިޝަން ސައީދު ކިޔާ މީހަކަށް ދީފައިވާ ކަމަށް ބުނާ އެ ކުންފުނީގެ ގަރާރެއް ބޭނުންކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ބައެއް އެއްބަސްވުންތަކުގައި ޖައިޝަން ސައީދު ސޮއިކޮށްފައިވާއިރު، ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ކަމަށް ބުނެ، އޮޅުވާލައިގެން ބައެއް އެއްބަސްވުންތަކުގައި މަންޑޭ ސޮއިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.